ފީފާ ކުލަބު ވޯލްޑް ކަޕުގައި މިއަދު ޖަޕާނުގެ އުލްސާން ހިއުންޑާއީއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު 4-2 ގެ ނަތީޖާއަކުން ބްރެޒިލްގެ ފުލުމިނެންސޭ މޮޅުވެއްޖެއެވެ.
މި ނަތީޖާ އާއިއެކު ފުލުމިނެންސޭ އަށް ވަނީ ގްރޫޕުގައި މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު ގްރޫޕުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އަދި މި މެޗުން ބަލިވުމާއިއެކު އުލްސާން ވަނީ މުބާރާތުގެ ފުރަތަމަ ބުރުން ކަޓާފަ އެވެ.
ނިއުޔޯކުގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 27 ވަނަ މިނިޓުގައި ފުލުމިނެންސޭގެ ޖޯން އަރިއާސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ 10 މިނިޓު ފަހުން އުލްސާންގެ ލީ ޖިންހިއުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އުމް ވޮން ސޭން ވަނީ އިތުރު ލަނޑެއް ޖަހާ އުލްސާން އަށް ލީޑު ނަގައިދީފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ފުލުމިނެންސޭގެ ނޮނާޓޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ.
ފުލުމިނެންސޭ އިން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް ހުއާން ޕަބްލޯ ފްރޭޓެސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ކެނޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ.