ޚަބަރު

މިނިވަންދުވަހުގެ ތަހުނިޔާ ބޭރު ޤައުމުތަކުގެ އިސްވެރިން ފޮނުވައިފި


ދިވެހިރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭރު ޤައުމުތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށާއި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

އެބޭފުޅުން ފޮނުއްވި ތަހުނިޔާގައި ދިވެހި ރައްޔިތުންނަށް އުފާފާގަތިކަމާއި ހެޔޮ ކުރިމަގެއް މިންވަރުކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ބޭރު ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވި ބޭފުޅުންގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުއާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދު މުޙައްމަދު ބިން ނާއިފްއާއި، ވަލީޢަހުދުގެ ނާއިބު މުޙައްމަދު ބިން ސަލްމާން އާލް-ސަޢުދުއާއި، ޖަޕާންގެ އެމްޕެރަރ އަކިހީޓޯއާއި، އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތާއި، ބޫޓާންގެ ރަސްގެފާނު ޖިގެމޭ ކޭސަރ ނަމްޔާލް ވަންގްޗުކްއާއި، އިންޑިޔާގެ ރައީސް ޕްރަނާބް މުކަރުޖީއާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއި، ޕާކިސްތާނުގެ ރައީސް މަމްނޫން ޙުޞެއިންއާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙަންމަދު ނަވާޒް ޝަރީފާއި، ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. ޢަބްދުލް ޙާމިދާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚު ޙަޞީނާއާއި، ޖަރުމަނުވިލާތުގެ ރައީސް ޖޯކިމް ގައުކްއާއި، ފަލަސްޠީނުގެ ރައީސް މަޙްމޫދް ޢައްބާސްއާއި، ޗެކް ރިޕަބްލިކްގެ ރައީސް ބޮހުސްލާވް ސޮބޮޓްކާއާއި، ކޮރެއާގެ ރައީސް ޕާކް ގެއުން-ހައިއާއި، އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއާއި، މެކްސިކޯގެ ރައީސް އެންރިކޭ ޕެނާ ނީޓޯއާއި ބުރްކީނާ ފާސޯގެ ރައީސް ރޮޗް މާކް ކްރިސްޓިއަން ކަބޯރ ހިމެނިވަޑައިގަންނަވައެވެ.