ފީފާ ކުލަބު ވޯލްޑް ކަޕުގައި ރޭ ބްރެޒިލްގެ ފްލެމިންގޯއާ ދެކޮޅަށް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެއެވެ.
ފިލަޑެލްފިއާގެ ލިންކޮން ފައިނޭންޝަލް ފީލްޑްގައި ފަންސާސް ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ކޯޗު އެންޒޯ މަރެސްކާ ވަނީ ބަދަލުތަކެއް ޓީމަށް ގެނެސްފަ އެވެ. އެގޮތުން އާންމުކޮށް ފުރަތަމަ 11 ގައި ހިމެނިގެން ކުޅެމުން އަންނަ ފޯވަޑް ނިކޮލަސް ޖެކްސަންގެ ބަދަލުގައި ފުރަތަމަ ޓީމުން ޖާގަ ދީފައިވަނީ ދާދި ފަހުން އެ ޓީމާއި އަލަށް ގުޅުނު ލިއާމް ޑެލަޕް އެވެ.
މި މެޗުގެ 13 ވަނަ މިނިޓުގައި ޕެޑްރޯ ނެޓޯ ވަނީ ލަނޑެއް ޖަހާ ޗެލްސީ އަށް ކުރި ހޯދަދީފަ އެވެ. އަދި އެ ޓީމަށް ވަނީ ލީޑު ފުޅާ ކުރަންވެސް ރަގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ލިބި ބޭކާރުވެފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 17 ވަނަ މިނިޓުގައި ފްލެމިންގޯގެ ބްރޫނޯ ހެންރީކޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެޗުގެ ނަތީޖާ އެއްވަރުވިތާ ދެ މިނިޓު ފަހުން މަރެސްކާ ވަނީ އެ ޓީމުގެ ފޯވަޑް ލައިން ވަރުގަދަކޮށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ލިއާމް ޑެލަޕްގެ ބަދަލުގައި ނިކޮލަސް ޖެކްސަން ކުޅެން އަރުވާފަ އެވެ.
ފްލެމިންގޯ އިން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި ޑެނީލޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި އޭގެ ތިން މިނިޓު ފަހުން ނިކޮލަސް ޖެކްސަން ކުރި ފައުލަކާއި ގުޅިގެން ކުޅެން އެރިތާ ހަތަރުވަނަ މިނިޓުގައި ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
މި މެޗުގެ ފްލެމިންގޯ ކޮޅަށް އެނބުރިގެން ގޮސްފައިވަނީ ދެވަނަ ހާފުގެ ހަ މިނިޓުގެ ތެރޭގަ އެވެ.
ފްލެމިންގޯ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވަލަސް ޔާން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި ނަތީޖާ އާއިއެކު މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޗެލްސީ އަށް ޖެހޭނީ ގްރޫޕުގެ ފަހު މެޗުގައި މޮރޮކޯގެ ތޫނިސް އަތުން މޮޅުވާށެވެ. ފްލެމިންގޯ އަސް ވަނީ ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ މަގާމް ލިބިފަ އެވެ.