ޚަބަރު

ބޮޓަފޮގޯ އަތުން ޕީއެސްޖީ ބަލިވެއްޖެ


ފީފާ ކްލަބް ވޯލްޑް ކަޕްގައި މިއަދު ޕީއެސްޖީ އާއި ދެކޮޅަށް ބްރެޒިލްގެ ބޮޓަފޮގޯ ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ބަލިވެއްޖެ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޕީއެސްޖީ އަތުން މޮޅުވެ ބޮޓަފޮގޯ ވަނީ ގްރޫޕް ބީ ގެ އެއްވަނަ ހޯދާފަ އެވެ. އެ ޓީމަށް ވަނީ ގްރޫޕް ގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި ޕީއެސްޖީ އޮތްއިރު އެ ޓީމަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.

ޕަސަޑޭނާގެ ރޯޒް ބޯލް ސްޓޭޑިއަމްގައި ފަންސާސް ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 36 ވަނަ މިނިޓުގައި ބޮޓަފޮގޯ އަށް ކާމިޔާބު ކޮށްދީފައިވަނީ އިގޯ ޖީސުސް އެވެ.

ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ޕީއެސްޖީ އިން މި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމެދިޔަ ނަމަވެސް ބޮޓަފޮގޯގެ ވަރުގަދަ ޑިފެންސް ލައިން ފޫއަޅުވާލެވޭ ގޮތް ޕީއެސްޖީއަށް ވަނީ ނުވެފަ އެވެ.

އަދި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި އެންރީކޭ ވަނީ އެއް ފަހަރާ އެ ޓީމަށް ތިން ބަދަލު ގެނެސްފަ އެވެ. ނަމަވެސް ނަތީޖާއަށް ބަދަލެއް ގެނެވޭގޮތް ވަނީ ނުވެފަ އެވެ.

ޕީއެސްޖީ އިން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ޖުމްލަ 19 ލަނޑު ޖަހާފައިވާއިރު މި މެޗުގެ 79 ވަނަ މިނިޓުގައި އެ ޓީމުން ބޮޓަފޮގޯގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.