ކުޅިވަރު

އެފްއޭއެމް ކޮންގްރެސްގެ ކުރިން ދާނީ މަޝްވަރާ ބައްދަލުވުމަކަށް


ދިވެހި ފުޓްބޯޅައިގެ ކުރިމަގު ކަނޑައަޅާ ކޮންގްރެސްގެ އެއް ދުވަސް ކުރިން ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

މި ބައްދަލުވުން އޮންނާނީ މި މަހުގެ 26ވާ ބުރސްފަތި ދުވަހު މެންދުރު ފަހު އެވެ.
ޕީއެސްއެމް ސްޕޯޓްސް އަށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އެފްއޭއެމުގެ އަސާސީ ގަވާއިދާ މެދު ކުލަބުތަކާ މަޝްވަރާ ކުރުމަށެވެ. ފީފާ އާއި ނޯމަލައިޒޭޝަން ކޮމިޓީން އަމާޒު ހިފާފައިވަނީ މި ބައްދަލުވުމް މެދުވެރިކޮށް ކޮންގްރެސްގެ ކުރިން އަސާސީ ގަވާއިދާމެދު ކުލަބުތަކާ މަޝްވަރާކޮށް ރަނގަޅު ހައްލެއް ހޯދުމަށެވެ.

އެފްއޭއެމުގެ ކޮންގްރެސް އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭގަ އެވެ. މި ކޮންގްރެސް އަކީ މާޗު މަހު ބޭއްވި ކޮންގްރެސް އަށް ފަހު އެފްއޭއެމުގެ ގަވާއިދު ފާސްކޮށް، ވީ އެންމެ އަވަހަކަށް އިންތިހާބު ބާއްވައި އެފްއޭއެމުގެ ރައީސަކު ހޮވުމަށް މަގު ފަހި ކުރުމަށް ބާއްވާ ކޮންގްރެސް އެކެވެ. މި ކޮންގްރެސްގައި އަސާސީ ގަވާއިދު ފާސްނުވެއްޖެނަމަ ރާއްޖެ ސަސްޕެންޑް ކުރުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.

އެފްއޭއެމް މިހާރު އޮތީ ނޯމަލައިޒޭޝަން ކޮމިޓީ އެއްގެ ބެލުމުގެ ދަށުގަ އެވެ. ހުސްވި އަހަރުގެ ޖޫން މަހު އެކުލަވާޅި ފަސް މެމްބަރުންގެ ނޯމަލައިޒޭޝަން ކޮމިޓީ ތިން މެމްބަރުންނަށް ކުޑަކޮށްފައިވާއިރު މި ކޮމިޓީގެ ދައުރު ވެސް ޖުލައި މަހު ހަމަވާނެ އެވެ.

ކޮމިޓީން މަސައްކަތް ކުރަމުންދަނީ ޖުލައި ނިމުމުގެ ކުރިން އިންތިހާބު ބާއްވައި އެފްއޭއެމުގެ ހިންގުން އާ ރައީސާ ހަވާލު ކުރުމަށެވެ.