މުނިފޫހިފިލުވުން

ފުޅަނދު ބުރު - ޢާއްމުންގެ ބޮޑު ތަރުހީބެއް


ފުޅަނދު ބުރަކީ ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން ޢާއްމުން ތަރުހީބު އެންމެ ބޮޑަށް އަބަދުވެސް ލިބޭ ޙަރަކާތެވެ. މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ބޭއްވި ފުޅަނދުބުރު ރަސްފަންނުން ސަރަހައްދުން ފަށާފައިވާއިރު، މި ފުޅަނދުތައް ވަނީ މާލޭގެ ބޮޑެތި ގިނަ މަގުތަކެއްގައި ރޭ ވަނީ ދައްކާލާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތި އިބްރާހީމް ފުޅަނދުތައް ބައްލަވާލައްވާފައި ވަނީ މުލީއާގެ ކައިރިންނެވެ. މިފަހަރުގެ ފުޅަނދު ބުރުގައި ބައިވެރިކޮށްފައިވާ ފުޅަނދުތަކުގެ ތެރޭގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ބައިވެރިކޮށްފައިވާ 8 ފުޅަނދު، ސްޓެލްކޯގެ ފަރާތުން ބައިވެރިކޮށްފައިވާ 4 ފުޅަނދު، އަދި އެސްޓީއޯގެ ފަރާތުން ބައިވެރިކޮށްފައިވާ ފުޅަނދަކާއި ދިރާގުގެ ފަރާތުން ބައިވެރިކޮށްފައިވާ ފުޅަނދެއް ހިމެނެއެވެ. މިހުރިހާ ފުޅަނދުތަކެއްވެސް ތައްޔާރުކޮށްފައިވަނީ ތަފާތު އެކި ތީމްތަކަކަށްކަން ފާހަގަކޮށްލެވެއެވެ.

img:http://s2.psmnews.mv/images/660x400/14696836285009.JPG|ފުޅަނދުބުރުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

މިދިޔަ އަހަރުވެސް ފުޅަނދުބުރު ހަރަކާތުން ޢާއްމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ އެމް.އޭ.ސީ.އެލްގެ ފަރާތުން މިއަހަރު ބައިވެރިކޮށްފައިވާ ފުޅަނދަށް ދީފައިވާ ނަމަކީ "އެމް.އޭ.ސީ.އެލް ޕެރޭޑް"އެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ބާއްވާ ޑިޒްނީ ޕެރޭޑް އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ފުޅަނދެކެވެ. އެކުންފުނިން ބައިވެރިކޮށްފައިވާ 8 ފުޅަނދުންވެސް ޑިޒްނީ ކާޓޫނުތަކުގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު ކެރެކްޓަރތަކާއި، އެ ކާޓޫނުތައް ސިފަވެގެންދާ މަންޒަރުތައް ވަނީ ދައްކާލާފައެވެ. މީގެ ތެރޭގައި، މިކީ މައުސް، ޓިންކަރބެލް، ޕީޓަރ ޕޭން، އަދި ދަ ލިޓްލް މާމެއިޑްގެ އިތުރުން އަލާޑިންފަދަ ކާޓޫން ތަކުން މަޝްހޫރުވެގެންދިޔަ ކެރެކްޓަރތައް ފެނިގެންދިޔައެވެ.

ސައިންސް ފިކްޝަނަލް ފިލްމްތަކަށް ލޯބިކުރާ ފަރާތްތަކަށް، ސްޓެލްކޯއިން ދައްކައިދިން ފުޅަނދުތައް ވެގެންދާނީ ވަރަށްވެސް ޚާއްސަ ފުޅަނދުތަކަކަށެވެ. އެކުންފުނީގެ ފަރާތުން 4 ފުޅަނދެއް ބައިވެރިކޮށްފައިވާއިރު، މުޅި ކޮންސެޕްޓް ބިނާކޮށްފައިވަނީ ބެލުންތެރިގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ފިލްމެއް ކަމަށްވާ "ސްޓާރ ވޯޒް"ގެ ކޮންސެޕްޓަށެވެ. މި ފިލްމްގެ މަންޒަރުތަކަށް ބިނާކޮށް ހަދާފައިވާ ސްޓެލްކޯގެ ފުޅަނދުން ދައްކުވައިދީފައިވަނީ މި ފިލްމުގެ ބައެއް ކެރެކްޓަރތަކާއި، ފިލްމުގައި ބޭނުންކޮށްފައިވާ ބައެއް އުޅަނދުތަކެވެ. އެގޮތުން އެކްސް ވިންގް ފައިޓަރޖެޓް، ސްޓަރ ކިލަރ ބޭޒް، މީގެ އިތުރުން ފިލްމުގައި ހަރަކާތްތެރިވާ ބައެއް ކެރެކްޓަރތައްކަމުގައިވާ ސްޓޯމް ޓްރޫޕަރޒް އަދި ސުޕްރީމް ލީޑަރ ނުވަތަ ސްނޯކްވެސް ފެނިގެންދިޔައެވެ.

img:http://s4.psmnews.mv/images/660x400/14696413427216.jpg|ފުޅަނދު ބުރު ބަލާލުމަށް ގިނަ ބަޔަކު ޖަމާވި- ފޮޓޯ: ޕީއެސްއެމް ނިއުސް

މަންތާރޭ ނުވަތަ "އެތް މަޑި" އަސްލަކަށް ބަލައިގެން ޖައްވީ އުޅަނދެއްގެ ސިފަ ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ފުޅަނދަށްވެސް ޢާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު، މިއީ ދިރާގުގެ ފަރާތުން ބައިވެރިކޮށްފައިވާ ފުޅަނދެކެވެ. އެކުންފުނިން މިފުޅަނދަށް ދީފައިވާ ނަމަކީ "ދި މަޑި"އެވެ. މީގެން ބޮޑަށް ދައްކުވައިދީފައިވަނީ ރާއްޖޭގެ މުއާސަލާތީ ނިޒާމަށާއި، ޓެކްނޮލޮޖީގެ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި، ރާއްޖެ ތަރައްޤީވަމުންދާ ދިޔުމެވެ. އެގޮތުން މި ފުޅަނދުން، ސްޕޭސް ޝިޕްއެއް ނުވަތަ ޖައްވީ އުޅަނދަކާއި، ޖައްވުގައި ހަރަކާތްތެރިވާ އެސްޓްރޮނޯޓްސް އަދި ދިރާގުގެ ސެޓެލައިޓެއް ވަނީ ދައްކާލާފައެވެ.

img:http://s3.psmnews.mv/images/660x400/14696412472867.jpg|ފުޅަނދު ބުރު - ފޮޓޯ: ޕީއެސްއެމް ނިއުސް

"އެލިސް އިން ވޮންޑަލޭންޑް – ޓީ ޕާޓީ" މި ތީމަށް އެސް.ޓީ.އޯއިން ތައްޔާރުކޮށްފައިވާ ފުޅަނދު ވެގެންދިޔައީވެސް ޢާއްމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ފުޅަނދަކަށެވެ. ކުޑަކުދިންނާއި ގުޅޭ، އެކުދިން ގަޔާވާކަހަލަ ގޮތަކަށް ފަރުމާކޮށްފައިވާ މި ފުޅަނދުން، އެލިސް އިން ވޮންޑަލޭންޑް ކާޓޫނުން ފެނިގެންދާ މުހިއްމު ކެރެކްޓަރތައް ދައްކުވައިދީފައިވެއެވެ. އޭގެ ތެރޭގައި، އެލިސް، ޓައިނީ ކިންގ، މިސްޓަރ ޑޯޑޯ، ވައިޓް ރެބިޓް، ބިލް ދަ ލިޒާޑް، އަދި ކާޑް ސޯލްޖަރސްތައް ފެނިގެންދިޔައެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރު ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މުބާރާތެއްގޮތަށެވެ. އެގޮތުން މިއަހަރު ބައިވެރިކުރި ފުޅަނދުތަކުގެ ތެރެއިން އެންމެ މަޤްބޫލު ފުޅަނދެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ މަޤުބޫލު ފުޅަނދަކަށް ހޮވޭ ފަރާތަކަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ޖަޖުންގެ %60 މާކްސް އާއި އެސްއެމްއެސް ކޮށްގެން %40 މެދުވެރިކޮށް އެންމެ މަޤްބޫލު ފުޅަނދެއް ހޮވާނެއެވެ. އެގޮތުން އެސް.އެމް.އެސް ކުރާނީ FLOAT ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެބޭފުޅަކަށް އެންމެ މަޤްބޫލު ފުޅަނދެއް ބައިވެރިކުރި ކުންފުންޏަކަށް ޚާއްސަކޮށްފައިވާ ކޯޑު ޖެއްސެވުމަށްފަހު، 510 އަށްށެވެ.