ޚަބަރު

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


  • މިހާރު ހުޅުވާލާފައިވަނީ މުއައްސަސާތަކާއި ޖަމިއްޔާތައް ރަޖިސްޓްރީވުމަށް

  • ރަޖިސްޓްރީވުމުގެ މުއްދަތަކީ މިމަހުގެ 18އިން 29އަށް

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ މި މުބާރާތުގައި ކައުންސިލްތަކާއި ސްކޫލްތަކުގެ އިތުރުން ޖަމިއްޔާތަކަށް ބައިވެރިވެވޭނެ ކަމަށެވެ. އެ ގޮތުން މި މުބާރާތުގައި ފުރަތަމަ ރަޖިސްޓްރީވާންޖެހޭނީ މުއައްސަސާތަކާއި ޖަމިއްޔާތަކުން ކަމަށާއި އެ ތަންތަން ތަމްސީލުކުރާ ބައިވެރިން ރަޖިސްޓްރީކުރުން ކުރިއަށްދާނީ އޭގެ ފަހުން ކަމަށެވެ.

ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވީ މިހާރު ހުޅުވާލާފައިވަނީ މުއައްސަސާތަކާއި ޖަމިއްޔާތައް ރަޖިސްޓްރީކުރުމުގެ ފުރުޞަތު ކަމަށެވެ. މި ތަންތަނުން ބައިވެރިވާ ކުދިންނާއި މީހުން ރަޖިސްޓްރީވުމަށް ހުޅުވާލެވޭނެކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވިއެވެ.

މުއައްސަސާތަކާއި ޖަމިއްޔާތައް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހާ ހަމައަށެވެ. ރަޖިސްޓްރީވާންޖެހެނީ ވަންގަވް ޕޯޓަލް މެދުވެރިކޮށެވެ.

މިފަހަރުގެ މުބާރާތުގައިވެސް ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމާއި ޙާފިޒުންގެ ގޮފީގައި ދަރިވަރުންނަށް ވާދަކުރެވެއެވެ. އަދި 3 މި މުބާރާތް ކުރިއަށްދާނީ 3 ބަޔަކަށެވެ. އެއީ ސްކޫލްތަކުގެ ބަޔާއި ޙާފިޒުންގެ ބަޔާއި ކުލަބު ޖަމިއްޔާތަކުގެ ބައެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މުބާރާތެކެވެ. ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.