ކުޅިވަރު

އުއްމީދީ ކުޅުންތެރިންތަކަކާއެކު އިންޓަރ ސްކޫލް ކްރިކެޓް މުބާރާތް ފަށައިފި


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓަރ ސްކޫލް ކްރިކެޓް މުބާރާތް މިއަދު ފަށައިފިއެވެ.

ކުޅިވަރު އެކުވެނީގެ އެއްނަމްބަރު ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި ހަތަރު ސްކޫލަކުން ދަނީ ވާދަކުރަމުންނެވެ. މިމުބާރާތުގައި ވާދަކުރަނީ 16 އަހަރުންދަށުގެ އުމުރުފުރާ އާއި 14 އަހަރުންދަށުގެ އުމުރުފުރާގެ ޓީމުތަކެވެ.

އިންޓަރސްކޫލު ކުރިކެޓު މުބާރާތުގައި ވާދަކުރަމުންދާ ސްކޫލުތަކަކީ ތާޖުއްދީނު ސްކޫލާއި، ރެހެންދި ސްކޫލާއި، މުހްޔިއްދީނު ސްކޫލުގެ އިތުރުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުންނެވެ.

ކުރިކެޓު ދިރުވާ އާލާކުރުމަށް ސީބީއެމްއިން ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުރިކެޓް ތަރައްގީކޮށް ފުޅާކުރުމުގެ މަގުސަދުގައި ފަށާފައިވާ "ސީޑްސް" ޕްރޮގުރާމު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ސީބީއެމްގެ ދަށުން ކުރިކެޓަށް ޚާއްސަ އެކެޑެމީއެއް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު، އިންޓަސްކޫލު ކުރިކެޓު މުބާރާތުން ހޮވާލެވޭ ހުނަރުވެރި ކުދިން މި އެކެޑެމީގެ ދަށުން ތަމްރީނުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިކުދިންނަށް ޖޫނިއާ ގައުމީ ކުރިކެޓު ޓީމުން ފުރުސަތު ހޯދާދެވޭނެކަމަށް ސީބީއެމުން ވަނީ ބުނެފައެވެ.

އިންޓަރސްކޫލް ކުރިކެޓު މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް މާފަންނު ކުޅިވަރު އެކުވެނީގެ އެއްނަމްބަރު ދަނޑުގައެވެ. ކުޅުން ކުރިއަށްދާނީ ކޮންމެ ދުވަހަކު މެންދުރު 02:00 އިން ފެށިގެން އިރުއޮއްސި 06:00 ޖެހުމާ ހަމައަށެވެ.