ފުޑް ސެކިއުރިޓީ ގެ ޤައުމީ މަޝްރޫޢެއް ފެށުމަށް ބޭނުންވާ ބިން, ގއ. ކޮނޑޭ ކައުންސިލުން، ދަނޑުވެރިކާމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް ހަވާލުކޮށްފިއެވެ.
ބިން ހަވާލުކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި އެ ވުޒާރާގެ އިސްވެރިން ބައިވެރިވިއެވެ. އަދި ގއ. ކޮނޑޭ ކައުންސިލުގެ މެންބަރުން ބައިވެރިވިއެވެ.
މި މަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ ކޮނޑޭއަކީ ބިން ބޮޑުރަށަކަށް ވެފައި ދަނޑުވެރިކަމުގެ މިމަޝްރޫއު ހިނގުމަށް ފަސޭހަވެގެން ދާނެކަމަށެވެ. އެގޮތުން މިހާރު މަސައްކަތް ކުރަމުން މިދަނީ އެ ސަރަހައްދުގައި މި މަޝްރޫއު ހިނގުމަަށް ބަޔަކު ހޯދުމުގެ މަސައްކަތްކަމަށާއި ވަރަށް އަވަހަށް އިއުލާން ކުރެވިގެން ދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫއުގެ ދަށުން މޭވާއާއި އާންމުކޮށް މީހުން ކައިއުޅޭ ތަކެތި ހެއްދުމަށް އިސްކަން ދެވިގެންދާނެކަމަށެވެ. އަދި ދަނޑުވެރިކަމުގައި ޒަމާނީ ޓެކްނިލޮޖީ ބޭނުންކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެ ވުޒާރާއިން ވިދާޅުވީ ކޮނޑޭގައި މި މަޝްރޫއު ކުރިއަށް ގެންދާނީ އެރަށުގެ މީހުންނާއި އަދި އެރަށުގެ ދަނޑުވެރިންގެ ބައިވެރިވުމާއެކުކަމަށެވެ. މީގެ ސަބަބުން އެރަަށްވެސް ވަރަށް ބޮޑުފައިދާއެއް ކުރާނެކަމަށެވެ.
މި މަޝްރޫގެ އެންމެ ބޮޑު ބޭނުމަކީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދޭ ތަކެތި އުފެއްދުމާއި އަދި ރާއްޖޭގައި އާލާކުރަން ބޭނުންވާ ބައެއްތަކެތި މި ތަނުގައި ހެއްދުންކަމަށެވެ.
"ވަރަށް ބޮޑު ފައިދާ ކުރާނެ. ފުދޭވަރެއްގެ ބިން ބޮޑުރަށެއް، ދަނޑުވެރިކަންވެސް ކުރާ ރަށެއް، މައިގަނޑު ބޭނުމަކީ އެރަށުގެ ދަނޑުވެރިންނާއި ގުޅިގެން އަދި ޒާމާނީ ޓެކްނޮލިޖީ ބޭނުންކޮށްގެން އުފެއްދޭނެ އެއްޗިސްއާއި އަދި އާންމުކޮށް ކާންބޭނުންކުރާ ތަކެއްޗާއި އަދި ރާއްޖޭގައި އާލާކުރަން ބޭނުން ތަކެތި ހެއްދުން" ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ކޮނޑޭގައި އެގްރޯފޮރެސްޓްރީ ޕްރޮގްރާމް ހިންގުމަށްވެސް ނިންމާފައިވާއިރު، ބިން ބޮޑެތި ރަށްތަކުގައި ދަނޑުވެރިކަން ކުރިއަރުވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި އެއް ރަށަކީ ގއ.ކޮނޑޭއެވެ. ކޮނޑޭއަކީ 118 ހެކްޓަރުގެ ބޮޑު ރަށެކެވެ. މިފަދަ ރަށްތަކުގައި ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ސިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ކުރިއެރުވުމަކީ ސަރުކާރުގެ އެއް އަމާޒެވެ.