ސިއްހަތު

އާސަންދައިގެ ދަށުން ހަތަރު ހާސް މީހުން ބޭރުން ފަރުވާ ހޯދައިފި


ސަރުކާރުން ހިންގަވާ ބޭސްފަރުވާގެ ޤައުމީ ނިޒާމް، ހުސްނުވާ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާކުރުމަށް ހޭދަކުރައްވަނީ ރާއްޖެއިން ލިބެން ނެތް ބަލިތަކަށެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ހަމަޖެހިފައި އޮންނަ ޢާންމު އުޞޫލުކަމަށް ވީނަމަވެސް ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށް ބޭރުގައި އުޅެނިކޮށް، އެކްސިޑެންޓެއް ނުވަތަ އިމަޖެންސީ/ ޓްރޯމާއެއް ދިމާވެއްޖެ ޙާލަތެއްގައި އާސަންދަ ޕެނަލްގައި ހިމެނޭ ހޮސްޕިޓަލަކުން ފަރުވާހޯދުމަށް ޚަރަދު ހަމަޖައްސަވައިދެއްވައެވެ.

އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރުން ބޭސްފަރުވާކޮށްފައިވާ މީހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް، އަހަރުގެ ފުރަތަމަ ހަމަސްދުވަހު، ހަތަރުހާސް ދުއިސައްތަ ތިރީސް ފަސް މީހުން ފަރުވާ ހޯދާފައިވެއެވެ. މިދިޔަ އަހަރު ޖުމްލަ އަށްހާސް ނުވަސަތޭކަ ފަންސާސް އަށްމީހުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވެއެވެ. މި ތަފާސް ހިސާބަށް ބަލާއިރު، މިދިޔަ އަހަރާއި މިއަހަރުވެސް އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރުން ފަރުވާ ހޯދާ މީހުންގެ ޢަދަދު ހުރީ ގާތްގަނޑަކަށް އެއްވަރެއްގައިކަން ފާހަގަކުރެވެއެވެ.

މިއަހަރުގެ މިހާތަނަށް އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބާރުން އެންމެ ގިނަ މީހުން ބޭސް ފަރުވާކޮށްފައިވަނީ ހިތުގެ ބަލިތަކާއި، ކެންސަރު ބައްޔަށެވެ. އަދި ނާރުގެ ބަލިތަކާއި، ލޮލުގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށްވެސް ގިނަ ބަޔަކު ފަރުވާހޯދާފައިވެއެވެ. ހިތުގެ ބަލިތަކަށް ބާވީސް އިންސައްތަ މީހުން ފަރުވާ ހޯދިއިރު ކެންސަރުގެ ބަލިތަކަށް ފަރުވާ ހޯދި މީހުންގެ އަދަދު އުޅެނީ އެކާވީސް އިންސައްތައިގައެވެ. އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވެނީ އަވަށްޓެރި އިންޑިޔާ އަދި ޝްރީލަންކާއިންނެވެ.

img:http://s2.psmnews.mv/images/660x400/5559.jpg|އަމްރިތާ ހޮސްޕިޓަލް- މިއީ އާސަންދައިގެ ދަށުން ޚިދުމަތް ލިބޭ ހޮސްޕިޓަލެއް- ފޮޓޯ: އެއިމްސް

މިހައަރުގެ ޖޫންމަހުގެ ނިޔަލަށް ނުވަސަތޭކަ އަށްޑިހަ ހަތަރު މީހުން ޝްރީލަންކާއިން ފަރުވާ ހޯދިއިރު، އިންޑިޔާއިން ތިންހާސް ދުއިސައްތަ ފަންސާސް އެއް މީހުން ފަރުވާ ހޯދިއެވެ. އަދި މިދިޔަ އަހަރު އިންޑިޔާއިން ހަހާސް ފައްސަތޭކަ ހަތްދިހަ ހަތް މީހުން ފަރުވާ ހޯދިއިރު، ޝްރީލަންކާއިން ދެހާސް ތިންސަތޭކަ އަށްޑިހަ އެއްމީހުން ފަރުވާ ހޯދިއެވެ. އާސަންދަ މެދުވެރިކޮށް އަވަށްޓެރި އިންޑިޔާ އަދި ޝްރީލަންކާގެ ބައްތިރީސް ތަނަކުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ. ދިވެހިން، ރާއްޖޭގައި ލިބެން ނެތް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރުކުރަންޖެހުމަކީ، އާސަންދައިން އެކަމަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑު ކަމެކެވެ. އަދި ޓިކެޓާއި ބޭސްފަރުވާގެ އިތުރަށް ކުރަންޖެހޭ އެހެން ކަންކަމަށް ބަލިމީހާގެ ފަރާތުންވެސް އެތައް ހޭދައެއް ކުރަންޖެހޭ ކަމެކެވެ. 

img:http://s2.psmnews.mv/images/660x400/2932.jpg|އާސަންދަ އޮފީސް ހުޅުވުމަށް ޝްރީލަންކާގައި ހުންނަ ސޯސަންވިލާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މީގެ އިތުރަށް ބަލިމީހާއާއި ޢާއިލާއިން މިކަމަށް އުފުލަންޖެހޭ ތަކުލީފުތައް ގިނަ އަދި ވަގުތު ބޭކާރުވުންވެސް އިތުރު ކަމެކެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް ދިވެހިން ބޭސްފަރުވާއަށް ދަތުރުކުރަންޖެހޭ މިންވަރާއި ކުރަންޖެހޭ މާލީ ހޭދަ މަދުކުރައްވައި ރައްޔިތުންނަށް ލުއިފަސޭހަކޮށްދެއްވުމަށް ސަރުކާރުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެ ތެރޭގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރައްވައި ބޭސްފަރުވާގެ ޚާއްޞަކޮށް އެކިކަހަލަ ޓެސްޓްތައް ކުރުމާއި އޮޕަރޭޝަން ކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަޞީލަތްތަކާއި އިންސާނީ ވަޞީލަތްތައް އިތުރުކުރައްވައި ޚިދުމަތްދިނުމުގެ ޤާބީލްކަން އިތުރުކުރެއްވުމުގެ މަސައްކަތް ހިމެނެއެވެ. އަދި އެންމެ ގިނަ ބަޔަކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ބަލިތައްކަމުގައިވާ ހިތުގެ ބައްޔާއި ކެންސަރުބަލީގެ ޓެސްޓްތައް ހެދުމާއި އޮޕަރޭޝަން ކުރެއްވުމާއި ފަރުވާގެ އިންތިޒާމްތައް ވަރުގަދަ ކުރެއްވުމަށް ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. 

މި ދެދާއިރާއިން ކައިރި މުސްތަޤުބަލެއްގައި މުހިންމު ކުރިއެރުންތަކެއް ހޯއްދަވައި، މިބަލިތަކަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރެއްވުމަށް ސަރުކާރުން ވަނީ އަމާޒުތަކެއް ކަނޑައަޅުއްވާފައެވެ.