ސްރީލަންކާގައި ކުރިއަށްދިޔަ މާސްޓާސް އެތުލެޓިކްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ ޓީމަށް ލިބުނު ކާމިޔާބީއަކީ މިހާތަނަށް އެތުލެޓިކްސްއިން ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށް އެމުބާރާތުގައި ރާއްޖެ ތަމްސީލުކުރި އެތުލީޓެއްކަމަށްވާ ހަސަން ޝައްމޫން ބުނެފިއެވެ.
ފާއިތުވެ ދިޔަ މޭ މަހުގެ 24 އިން 25 އަށް ސްރީ ލަންކާގައި ކުރިއަށްދިޔަ 11 ވަނަ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ޓީމުން ވަނީ މުބާރާތުގެ އެއްވަނަ ރާއްޖެއަށް ގެނެސްދީފައެވެ. މިމުބާރާތުގައި ފަސް ގައުމަކުން 700 އަށްވުރެ ގިނަ އެތުލީޓުންނާ ވާދަކޮށްފައެވެ. މިކާމިޔާބީއާ ގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޝައްމޫން ބުނީ އެމުބާރާތުން ދިވެހި އެތުލީޓުންގެ ހަގީގީ ފެންވަރު ފެނިގެން ހިނގައްޖެކަމަށެވެ.
"މިމުބާރާތުން ފެނިގެން މިދިޔައި ރާއްޖޭގައި ޚާއްސަކޮށް ފުރަތަމަ ބޭއްވި މާސްޓާރސް އެތުލެޓިކްސް މުބާރާތަށް ބަލާފަ، އެމުބާރާތުގަ އެތުލީޓުން ދެއްކި ޕާރފޯރމަންސަށް ބަލާފަ ރާއްޖޭން ބޭރަށް ގޮސްފަވެސް ހަމަ މާސްޓާރސް އުމުރުފުރާތަކުގަ ވާދަކޮށް ރަނގަޅު ކާމިޔާބީއެއް ހޯދިދާނެކަން މިމުބާރާތުން ފެނިގެން މިދިޔައީ" ގައުމީ ފެންވަރުގައި ވާދަކުރަމުންދާތާ ފަންސަވީހަކަށް އަހަރު ވެފައިވާ އެތުލީޓު ބުންޏެވެ.
ގައުމީ އެތުލެޓިކްސް މުބާރާތުގައި ރަންވަނަތަކެއް ހާސިލްކޮށްފައިވާ ޝައްމޫނު ބުނީ ލަންކާ މުބާރާތަކީ ބައިނަލް އަގްވާމީ ފެންވަރުގައި އޭނާ ވާދަކުރި ފުރަތަމަ މުބާރާތްކަމަށެވެ. އަދި އެމުބާރާތުގައި ވާދަކުރި އެހެން އެތުލީޓުންގެ ފެންވަރުވެސް ވަރަށް ރަނގަޅުކަމަށް އޭނާ ބުންޏެވެ. އުމުރުގެ ގޮތުން ދޮށްޓެއްކަމަކު ބޭރުގެ އެތުލީޓުން ދެއްކި ހިތްވަރު ފާހަގަކޮށްލެވޭކަމަށާ މާސްޓާސް އެތުލެޓިކްސް ޗެމްޕިއަންޝިޕަކީ ކޮލިޓީ ރަނގަޅު މުބާރާތެއްކަމަށް އޭނާ ސިފަކުރިއެވެ.
ލަންކާ މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފައި ވަނީ މާސްޓަރސް އެތުލެޓިކްސް ކުލަބުގެ ފަރާތުން ހަ އެތުލީޓުން، އެހެންނަމަވެސް އެ އަދަދު މަދުކަމަށް ޝައްމޫންވަނީ ބުނެފައެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މިފަދަ މުބާރާތްތަކުގައި ވާދަކުރާނެ އެތުލީޓުންގެ އަދަދު އިތުރުވުމަކީ އޭނާ ކުރާ އުންމީދެއްކަމަށްވެސް ޝައްމޫން ވަނީ ފާހަގަކޮށްފައެވެ.
"މިފަހަރު މުބާރާތަށް ވަރަށް މަދު އެތުލީޓުންތަކެއް މިދިޔައީ. އުންމީދަކީ ކުރިއަށް އޮތް މުބާރާތްތަކުގައި މިއަށްވުރެ އެތުލީޓުންގެ އަދަދު އިތުރުވެ، މިއަށްވުރެ ބޮޑަށް މިސާލަކަށް މިއީ ލަންކާގައި ކުރިއަށް ދިޔަ އިންޓަނޭޝަނަލް މާސްޓާރސް، އެންވީމަ މިއަހަރު ތެރޭގަ އެބައޮތް އޭޝިއަން މާސްޓާރސްވެސް" ޝައްމޫން ބުނެފަވެއެވެ.
އޭނާގެ އުންމީދަކީ ކުރިއަށްހުރި ބައިނަލް އަޤްވާމީ މުބާރާތްތަކުގައިވެސް ވާދަކޮށް އިތުރު ކާމިޔާބީތަކެއް ހާސިލްކުރުންކަމަށް ޝައްމޫން ވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނެފައެވެ.
ސްރީލަންކާގައި ކުރިއަށް ދިޔަ މުބާރާތުގައި މާސްޓަރސް އެތުލެޓިކްސް ކުލަބުގެ ފަރާތުން ހަ މެމްބަރަކު ވަނީ ވާދަކޮށް ރަންވަނަތަކެއް ހާސިލްކޮށްފައެވެ. މިގޮތުން ރާއްޖޭ ޓީމުގެ ނާފިޒާ އަޙްމަދު 1500 މީޓަރު ރޭހުން ރަން މެޑެލް ހާސިލްކޮށްފަވާއިރު، އަލީ ޝަރީފް ވަނީ 100 މީޓަރު ރޭހުން ރަން މެޑެލް ހޯދާފައެވެ.
އޭގެ އިތުރުން 200 މީޓަރު ރޭހުން މުޙައްމަދު އާމިރު ރިހި މެޑެލް ކަށަވަރުކޮށްފަވާއިރު، 300 މީޓަރު ހާޑްލްސްއިން ނާފިޒާ ހޯދި ލޯ މެޑެއްޔާއެކު އޭނާވަނީ މުބާރާތުން ޖުމްލަ ދެ މެޑެލް ހާސިލުކޮށްފައެވެ
ފަސް ގައުމަކުން 700 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރި، އެނުއަލް މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އެންމެ މޮޅު ޓީމަކަށް ރާއްޖޭގެ ޓީމު ހޮވިފައިވަނީ މުޅި ޓީމުގެ ޕާފޯމަންސަށް ބެލުމަށްފަހު އެންމެ މަތިން ޕޮއިންޓް ހޯދި ޓީމަކަށް ރާއްޖޭގެ ޓީމު ވެފައިވުމުންނެވެ