ތަރައްްޤީ

މެރިން ޕޮލިހުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި


މިނިވަން ދުވަހާ ގުޅިގެން ލިބޭ ޗުއްޓީގައި އަތޮޅުތެރެއަށް ފުރައިގެންދާ ފަރާތްތަކާއި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމުގެ ގޮތުން، މެރިން ޕޮލިސްއިން ޚާއްޞަ އޮޕަރޭޝަނެއް ހިންގަވަމުން އެބަގެންދަވައެވެ.

މި އޮޕަރޭޝަން ކުރިޔަށް ގެންދަވަނީ މިމަހުގެ 21 ން މާދަމާގެ ނިޔަލަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރައްވާގޮތުގައި، މިއޮޕަރޭޝަނުގައި މެރިން ޕޮލިހުން އުޅަނދުފަހަރު ޗެކްކުރައްވާއިރު ބައްލަވާ ކަންތައްތަކުގެ ތެރޭގައި މާލެއިން ފުރާ ކަނޑު އުޅަނދުފަހަރު ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާ ވޭތޯ ބެއްލެވުން ހިމެނެއެވެ. މި އޮޕަރޭޝަނުގައި މީރު ބަހުރު ނުވަތަ ނޯތު ހާބަރުން ފުރާ ބޯޓު ފަހަރާއި އަދި ބަނދަރުކޮށްފައިވާ ބޯޓުތަކުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެއްލެވުމަށް ހަމަޖެހިފައިވާއިރު ހުޅުމާލެ ފެރީ ޓާމިނަލް ސަރަޙައްދުން ފުރާ ފެރީތަކާއި ޓީ ޖެޓީ ސަރަޙައްދުން ފުރާ ކަނޑު އުޅަނދުފަހަރު ޗެކްކުރައްވަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން މި އޮޕަރޭޝަނުގައި ފުރާ އުޅަނދު ފަހަރުގެ ބަރުމަރުކާއާއި، ޕަސެންޖަރުންގެ އަދަދާއި، ބޯޓުގައި ސަލާމަތީ ގޮތުން ބޭނުންކުރާ ހުރިހާ ވަޞީލަތްތަކެއް ހަމައަށް ހުރިތޯއާއި އެއްވެސް އިކުއިޕްމަންޓެއް ހަލާކުވެފައިހުރިތޯ ޚާއްޞަގޮތެއްގައި ބައްލަވަމުން ގެންދަވާނެކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ފުލުހުން އުޅަނދުތަކަށް އަރުއްވައި ބައްލަވާއިރު، މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް އިސްކަންދިނުމަށާއި މި އޮޕަރޭޝަނުގައި ފާހަގަކުރެއްވޭ ކަންކަން ރަނގަޅުކުރުމަށް ނަސޭޙަތް ދެއްވާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިނިވަން ދުވަހާއި ގުޅިގެން ލިބޭ ޗުއްޓީއާ ދިމާކޮށް މެރިން ޕޮލިސްއިން ޚާއްޞަ އޮޕަރޭޝަނެއް ފަށްޓަވާފައިވާއިރު، މިނިވަން ދުވަހާ ގުޅިގެން ބާއްވާ އެކި ޙަރަކާތްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަވައި ރަށުތެރޭގެ އަމަން އަމާންކަން ދެމެހެއްޓެވުމަށް ފުލުހުން ވަނީ މިއަދު އޮޕަރޭޝަނެއް ފައްޓަވާފައެވެ.