ޚަބަރު

މިދިޔަ އަހަރު ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ %6.7 އިތުރު


  • 2024ވަނަ އަހަރު ރިސޯޓްތަކުގެ ކުލީގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ލިބުނު

ރިސޯޓްތަކުގެ ކުލީގެ ގޮތުގައި މިދިޔަ އަހަރު ބަލައިގަތް އާމްދަނީ އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީރާގެ 2024ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ބަލައިގަތް އާމްދަނީ ވަނީ %6.7 އިތުރުވެފައެވެ.

މީރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން ރިސޯޓްތަކުގެ ކުލީގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އަންދާޒާކުރި އާމްދަނީއާއި އަޅާބަލާއިރު %7.4 އިތުރު އަދަދެކެވެ. މީރާއިން އަންދާޒާކޮށްފައިވަނީ 2024 ވަނަ އަހަރު ރިސޯޓްތަކުގެ ކުލީގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ ލިބޭނެކަމަށެވެ.

2024ވަނަ އަހަރު ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވާއިރު މިއީ 2023ވަނަ އަހަރުގެ އާމްދަނީއަށްވުރެވެސް އިތުރު ވުމެކެވެ. 2023ވަނަ އަހަރު ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން 2024 ވަނަ އަހަރު ލިބުނު އާމްދަނީ ވަނީ 2023ވަނަ އަހަރާއި އާޅަބަލާއިރު %6.7 އިތުރުވެފައެވެ.

ރިސޯޓްކުލީގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަތޮޅުތައް:

* ކ. އަތޮޅު: 542.45 މިލިޔަން ރުފިޔާ
* ރ. އަތޮޅު: 260.47 މިލިޔަން ރުފިޔާ
* ބ. އަތޮޅު: 201.01 މިލިޔަން ރުފިޔާ

މިދިޔަ އަހަރު ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްކަމަށް މީރާއިން ބުނެފައިވަނީ އަލަށް ކުލި ދައްކާ ފަރާތްތަކުން ކުލި ދައްކަން ފަށައި ޝެޑިއުލާއި އެއްގޮތައް ގިނަ ރިސޯޓްތަކުން ކުލި ދައްކާފައިވުމެވެ. އަދި ކުލީގެ މުއްދަތުތަކަށް ފައިސާ ބަލައިގަތް އަދަދު އިތުރުވެފައިވާތީ ބަލައިގަތް އާމްދަނީ ވަނީ އަންދާޒާކުރި އަދަދަށްވުރެ އިތުރުވެފައިކަމަށް މީރާގެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އަކީ 3 ވަނައަށް އެންމެ ގިނައިން މީރާއަށް މިދިޔަ އަހަރު އާމްދަނީ ލިބިފައިވާ ދާއިރާއެވެ.