ވިޔަފާރި

12ވަނަ ހޮޓެލް އޭޝިއާ އެގްޒިބިޝަން ސެޕްޓެމްބަރ މަހު ދަރުބާރުގޭގައި


ރާއްޖޭގައި ބާއްވާ 12 ވަނަ ހޮޓެލް އޭޝިއާ އެގްޒިބިޝަން ސެޕްޓެމްބަރ މަހުގެ ފަހަކުން ހަތަކަށް ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި އެގްޒަބިޝަންގައި މި އަހަރު 150 އަށް ވުރެ ގިނަ ސްޓޯލުތަކުން، 1،000 އަށް ވުރެ ގިނަ ބްރޭންޑުތައް ދައްކާލުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކެއް ވެސް ހިމެނެއެވެ. އެގޮތުން ލަގްޜަރީ ޓޫރިޒަމް ސެކްޓަރގެ އިތުރުން ބަޖެޓު ހޮޓެލްސް، ގެސްޓް ހައުސް،އަދި ކްރޫޒް ސަފާރީއިންޑަސްޓްރީގެ ފަރާތްތަކުން މި އެގްޒިބިޝަނުގައި އެފަރާތްތަކުގެ ޕްރޮޑަކްޓްތައް ދައްކާލާނެއެވެ.

ކޮންމެ އަހަރަކު ވެސް ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ހަވާސާގައި ބައިނަލްއަޤްވާމީ ކަލިނަރީ ޗެލެންޖެއް ކުރިޔަށް ގެންދާ އިރު، މި އަހަރު ވެސް މި މުބާރާތް ކުރިޔަށް ދާގޮތަށްވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ކަލިނަރީ ޗެލެންޖަށް 60 ރިސޯޓަކުން 475 އެންޓްރީއެއް ހުށައަޅާފައިވާ ކަމަށް، މި އެގްޒިބިޝަން އިންތިޒާމްކުރާމޯލްޑިވްސް އެގްޒަބިޝަން އެންޑް ކޮންފަރެންސް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުން މަޢުލޫމާތުދެއެވެ.

އެންޓްރީތައް ބަލާ ޖަޖު ކުރުމަށް 16 ޝެފުން ހިމެނޭ ބައިނަލްއަޤަވާމީ ޕެނަލެއް ވަނީ ނަގާފައެވެ. މި އަހަރުގެ އެގްޒިބިޝަނުގައި ސްރީލަންކާ، ތައިލެންޑު، އިންޑޮނޭޝިއާ، ދުބާއީ އަދި ސިންގަޕޫރުގެ ޕްރޮމޯޝަނަލް ޕެވިލިއަންތަކެއް ފެނިގެން ދާނެ އެވެ.