ސިއްހަތު

ނަފްސާނީ ބަލިތަކުގެ ފަރުވާ ހުރިހާ ހިސާބަކުން ލިބޭނެ ގޮތް ހަދަނީ


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދެއްވާ ނަފްސާނީ ބަލިތަކުގެ ފަރުވާ ނުވަތަ ސައިކިއެޓްރިކް އިންޕޭޝަންޓް ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރެއްވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޢާއްމުކުރައްވާފައިވާ މެންޓަލް ހެލްތު އެކްޝަން ގެޕް ޕްރޮގްރާމަށް، ރާއްޖޭގައި ނަފްސާނީ ބަލިމީހުންނަށް ޚިދްމަތްދޭ ފަރާތްތައް އަހުލުވެރިކުރުމުގެ މަސައްކަތު ބައްދަލުވުން ނިންމެވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

img:http://s4.psmnews.mv/images/660x400/14694453484784.jpg|މެންޓަލް ހެލްތު އެކްޝަން ގެޕް ޕްރޮގްރާމަށް، ނަފްސާނީ ބަލިމީހުންނަށް ޚިދްމަތްދޭ ފަރާތްތައް އަހުލުވެރިކުރުމުގެ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެެސްއެމް

މެންޓަލް ހެލްތު އެވެއަރނެސް ފައުންޑޭޝަނާއި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިވަޑައިގެން އައި.ޖީ.އެމް.އެޗްގައި ކުރިއަށްގެންދެވި ބައްދަލުވުމުގައި 2011 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޝާޢިއުކޮށްފައިވާ "މެންޓަލް ހެލްތު ގެޕް އިންޓަރވެންޝަން ގައިޑްލައިނަށް" ބިނާކޮށް، ބައިވެރިންނާއި ވަނީ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. މިގޮތުން ޑިޕްރެޝަނާއި، ޅަފަތުގައި ކުދިންނަށް ދިމާވާ އެކިއެކި ނަފްސާނީ މައްސަލަތަކާއި، ނަފްސާނީ ބަލިތައް ތަޙައްމަލްކުރަމުންދާ މީހުންނަށް އެހީތެރިވެވިދާނޭ ގޮތްތަކާއި އެމީހުންނާ މުޢާމަލާތުކުުރުމާ ބެހޭގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

ހަދުވަހުގެ މިމަސައްކަތު ބައްދަލުވުން ނިންމެވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އައިޖީއެމްއެޗާއި އަތޮޅުތަކުގައި ސިއްޙީ ފަރުވާ ދެއްވާ ތަންތަނުގައި ސައިކިއެޓްރިކް ފަރުވާގެ ޚިދުމަތް އިތުރަށް ރަގަޅުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް ސައިކިއެޓްރިކްޚިދުމަތްތައް މިހާރު ފޯރުކޮށްދެއްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14694453705318.jpg|މެންޓަލް ހެލްތު އެކްޝަން ގެޕް ޕްރޮގްރާމަށް، ނަފްސާނީ ބަލިމީހުންނަށް ޚިދްމަތްދޭ ފަރާތްތައް އަހުލުވެރިކުރުމުގެ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެެސްއެމް

މެންޓަލް ހެލްތް ނުވަތަ ނަފްސާނީ ދުޅަހެޔޮކަމަކީ ވޭތުވެދިޔަ ތަނުގައި ސަމާލުކަންނުދެވި ދޫކޮށްލެވިފައިވާ ދާއިރާއެއްކަން ފާހަގަކުރައްވައި ހެލްތް މިނިސްޓަރ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން ޤާއިމުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ނޭޝަނަލް މެންޓަލް ހެލްތް ޕޮލިސީ އެކުލަވާލައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިފަދަ ވާރކްޝޮޕްތަކަކީ ނަފްސާނީ ދުޅަހެޔޮކަމާމެދު ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭނެ ވޯކްޝޮޕްތަކެއްކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މެންޓަލް ހެލްތު އެވެއަރނެސް ފައުންޑޭޝަނާއި އައި.ޖީ.އެމް.އެޗް ގުޅިވަޑައިގެން އައި.ޖީ.އެމް.އެޗްގައި  ހިންގެވި މި ޕްރޮގްރާމްގައި ޖުމްލަ 30 ފަރާތުން ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެތެރޭގައި ސަރުކާރުގެ ތަންފީޒީ މުއައްސަސާތަކާއި، އިޖްތިމާޢީ ޚިދުމަތްދޭ އަދި މިފަދަ ޚިދްމަތްތައް ވިލަރެސްކުރައްވާ ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތަކުގެބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.