ނިމުނު ހަފުތާ ފާހަގަކޮށްލެވެނީ ޙައްޖުގެ މަތިވެރި އަޅުކަމާއި އަޟްހާ އީދުގެ އިތުރުން މުހިއްމު މަޤާމުތަކަށް ބޭފުޅުން އައްޔަންކުރި އަދި ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ހަފްތާއެއްގެ ގޮތުގައެވެ. މީގެ އިތުރުން ޝައިޚް ފަރީދު އަވަހާރަވުމާއި ގުޅިގެން ގިނަބަޔަކަށް ވަނީ މޮޅިވެރިކަން ލިބިފައެވެ.
ހަފްތާގެ ތެރޭގައި ހިނގައިދިޔަ މުހިންމު ކަންތައްތަކަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދި އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާފައިވަނީ ނިމުނު ހަފްތާގައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ނިމުނު ހަފްތާގެ ތެރޭގައި އެމަނިކުފާނު ވަނީ ސަޢުދި ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، މިއަހަރު ޙައްޖުވެރިންނަށް ސައުދި އަރަބިއްޔާއިން ހަމަޖައްސަވައި ދެއްވި ފުރިހަމަ އިންތިޒާމުތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭ މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް އެމަނިކުފާނުގެ ދެކަނބަލުން ސައުދި އަރަބިއްޔާއަށް ކުރެއްވި ދަތުރުޅަކީ ސައުދި އަރަބިއްޔާގެ ސަރުކާރުން ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސަވައިގެން ކުރެއްވި ދަތުފުޅެކެވެ. މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ޙައްޖާޖީންވެސް ވަނީ އެއްވެސް މައްސަލައެއް ކުރިމަތިނުވެ އަދި އަރަފާތުން އެއްވެސް ވަގުތުކޮޅެއް ނުގެއްލި ޙައްޖުގެ އަޅުކަން ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ފުރިހަމަ ކޮށްފައެވެ.
ސިޔާސީ ދައިރާއިން ނިމުނު ހަފްތާ ތެރޭގައި ފާހަގަކޮށްލެވޭ މުހިންމު ހަބަރުތަކަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައި ކޯޓު ކުރީގެ ފަނޑިޔާރުން ކަމަށްވާ އަލްއުސްތާޛް މުޙައްމަދު ސަލީމާއި އަލްއުސްތާޛް ޢަބްދުﷲ ހަމީދު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވުން ހިމެނެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އިސްމާޢިލް ނަވީންވެސް ނިމުނު ހަފްތާގައި ވަނީ އައްޔަންކުރައްވާފައެވެ.
ނިމުނު ފަލަސްޠީނު ހިމެނޭހެން 6 ޤައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން ރެޒިޑެންޓް ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވައިފިއެވެ. ސަފީރުކަމުގެ ފަތްކޮޅު އަރުއްވާފައިވަނީ ފަލަސްތީންގެ އިތުރުން ޒިންބާބުވޭ، އުޒުބެކިސްތާން، ޔުގަންޑާ، ގްރީސް އަދި ޑެންމާކްއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިހުރިހާ ބޭފުޅުންނަށްވެސް މަރުހަބާ ވިދާޅުވެފައެވެ.
މީގެ އިތުރުން ފްރާންސުގައި މިއަހަރު ކުރިއަށްދާ އދ. ކަނޑުތަކާއި ބެހޭ ކޮންފަރެންސްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް އަދި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ވިޔަފާރިއާއި ތަރައްޤީގެ ދައިރާއިންވެސް ނިމުނު ހަފްތާގައި މުހިންމު މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އަށް 5 ވަނަ އެޓީއާރް ގެނެސްފައިވާއިރު، 2027ވަނަ އަހަރު ނިޔަލަށް ޑޭޝް ފްލީޓް އެއްކޮށް އޭޓީއާރަށް ބަދަލުކުރާނެކަން ޤައުމީ އެއަރލައިނުންވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން މިއަހަރުގެ ރާއްޖެއައި 1 މިލިއަން ވަނަ ފަތުރުވެރިޔާވެސް އައިސްފައިވަނީ ނިމުނު ހަފްތާ ތެރޭގައިއެވެ. މިއާއެކު އެއް މިލިއަން ފަތުރުވެރިން އެންމެ އަވަހަށް ޒިޔާރަތްކުރި އަހަރަށް މިއަހަރު ވެފައިވާއިރު، ހޫނު މޫސުމާއި ދިމާކޮށް ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ރާއްޖޭގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރ އަކަށް ބޮލީވުޑް މަޝްހޫރު ތަރި ކެޓްރީނާ ކައިފް ހަމަޖައްސާފައިވާކަން އެމްއެމްޕީއާރްސީން ހާމަކުރީވެސް ނިމުނު ހަފްތާގައެވެ.
އަދި ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ ފިޗުން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން "ސީސީ" ގައި ދެމެހެއްޓުމަށް ނިންމީވެސް ނިމުނު ހަފްތާގައެވެ. ފިޗުން ރޭޓިންއަށް ބަދަލު ނުގެންނަން ނިންމި ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތުން ހޯދާ ކުރިއެރުންތަކާއި އަދި ސަރުކާރުގެ ހަރުދަނާ މާލީ ފިޔަވަޅުތައް ވަނީ ފާހަގަކޮށްފައެވެ.
މިކަންކަމުގެ އިތުރުން ސަރުކާރުން ހިންގަމުންދާ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ ވަނީ ނިމުނު ހަފްތާގައެވެ. ސަރުކާރުން ވަނީ އަންނަ އަހަރުގެ ދީރާސީ އަހަރު ފެށެންވާއިރު މިމަސައްކަތް ނިންމާނެކަން ހާމަކޮށްފައެވެ. އަދި މުޅި މަޝްރޫއު ނިމިގެންދާއިރު ހުރިހާ ސްކޫލެއްގެ ކަރަންޓު އިޔާދަކުރަނިވި ހަކަތައް ބަދަލުކުރާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވެފައިވަނީ ނިމިދިޔަ ހަފްތާގައެވެ. ޝެއިޙް ފަރީދު ނިޔާވީ މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ކުއަލަލަމްޕޫރު އެއަރޕޯޓުގައި ހުންނަވަނިކޮށެވެ. ޝައިޚް ފަރީދުގެ ކުއްލި ވަކިވެދިުއުމާ ގުޅިގެން އެތަށް ބަޔަކު ހިތާމަފާޅުކުރަމުންދާއިރު، ޝެއިޚް ފަރީދު މިހާރުވަނީ މެލޭޝިޔާގައި ފަސްދާނުލާފައެވެ. މީގެއިތުރު ގައްދޫ ދައިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދުވެސް ނިޔާވެފައިވަނީ ނިމުނު ހަފްތާގައެވެ. އަހުމަދު ރަޝީދަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ.
ރާއްޖެއަށް އެތެރެވާ މަސްތުވާ ތަކެތި ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަސްޓަމްސް އަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޮޅުވާލައިގެން ޕްލާސްޓިކް ގަސްތަކެއްގެ ތެރޭގައި ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީވެސް ނިނުމު ހަފްތާގައެވެ. މި ތަކެތީގެ މަގުމަތީ އަގު 26 މިލިއަން ރުފިޔާއަށް އަރައެވެ.
ނިމުނު ހަފްތާގެ ބޮޑުބައެއް ދިޔައީ، ޢީދު ހަރަކާތްތަކުގައެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަތްތަކުގައި ގިނަ ހަރަކާތްތަކެއް ބާއްވާފައިވާއިރު ސަރުކާރުން ވަނީ ހއ. ކެލާ، ލ. ގަން އަދި ކ. ގުރައިދޫގައި ރަސްމީކޮށް ޢީދު ފާހަގަކޮށްފައެވެ. މި ރައްތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ގުޅިގެން މާލެ ސަރަހައްދުގައި ޢީދު ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ.