ޚަބަރު

ފުރަތަމަ މެޗުން ރާއްޖޭގެ ފިރިހެން ޓީމަށް މޮޅެއް ނުވެވުނު


ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެއެވެ.

މި މެޗުގައި ރާއްޖެއިން ނިކުތީ މިސަރަހައްދުގެ ވަރުގަދަ ޓީމެއް ކަމަށްވާ ސްރީލަންކާ އާއި ދެކޮޅަށެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މިމެޗުގައި ލަންކާއިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 116-28 އިންނެވެ.

މި މެޗުގެ ފުރަތަމަ ކުއާޓާގައި ލަންކާއިން 33 ޕޮއިންޓް ހޯދި އިރު ރާއްޖެއަށް ހޯދުނީ 8 ޕޮއިންޓެވެ.
ދެވަނަ ކުއާޓާ ނިމުނީވެސް ހަމަ މި ނަތީޖާއިންނެވެ. ތިންވަނަ ކުއާޓާގައި ލަންކާއިން 31 ޕޮއިންޓް ހަމަކުރިއިރު ރާއްޖެއަށް ލިބުނީ އެންމެ 2 ޕޮއިންޓެވެ.

އެހެންނަމަވެސް ފަހު ކުއާޓާގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް 10 ޕޮއިންޓް ހަމަކޮށްފައެވެ.
ލަންކާއިން ވަނީ މި ކުއާޓާގައި 19 ޕޮއިންޓް ހޯދާފައެވެ.

މި މުބާރާތުގައި ދެން ރާއްޖޭގެ ފިރިހެން ޓީމު ނިކުންނާނީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމު އިންޑިއާ އާއި ދެކޮޅަށެވެ. މި މެޗު އޮންނާނީ މިއަދު ހަވީރު 17:30 ގައެވެ. މި މެޗު ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރޭގެ މެޗު ބެއްލެވުމަށް ކުޅިވަރު އާއިލާގެ އިސްބޭފުޅުން ޒުވާނުންގެ މަރުކަޒަށް ވަޑައިގެންނެވިއެވެ. އޭގެތެރޭގައި ކުޅިވަރު ވަޒީރު އަބުދުﷲ ރާފިއު އާއި ސްޕޯޓް ކޮމިޝަނަރ މުހައްމަދު ޠަލާލް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބައެއް އިސްވެރިންނާއި އެކި އެކި ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން އަދި ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ ވެރިންވެސް މި މެޗު ބައްލަވާލެއްވިއެވެ.