ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އާންމުން ތަމްސީލް ކުރައްވާ މެންބަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. ޖޭއެސްސީއަށް އާންމުންގެ ތެރެއިން މެންބަރަކު އައްޔަން ކުރުމަށް ހުޅުވާލީ ރައްޔިތުންގެ މަޖިލީހުންނެވެ.
ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނުގައި ވިދާޅުވީ ޤާނޫނުއަސާސީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ޖޭއެސްސީއަށް އާންމުންގެ ތެރެއިން މެންބަރަކު ކަނޑައަޅާނީ މަޖިލީހުން ކަމަށެވެ. އެހެންވެ، އެކަމަށް އެދެން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.
މި ފުރުސަތު މަޖިލީހުން ހުޅުވާލާފައިވަނީ އަންނަ މަހުގެ 3ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށެވެ. މި މަގާމަށް ކުރިމަތިލެވޭނީ އުމރުުން 30 އަހަރުވެފައިވާ ދިވެހިންނަށެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމަކީވެސް އާންމުންގެ ފަރާތުން ޖޭއެސްސީއަށް އައްޔަން ކުރައްވާ މެންބަރުގެ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތަކެކެވެ.
މީގެ އިތުރުން ޖޭއެސްސީއަށް އައްޔަން ކުރައްވާ މެންބަރަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
ޖޭއެސްސީއަށް މެންބަރުން އައްޔަނު ކުރުމުގެ ބާރު ގާނޫނުން ލިބިދީފައި ވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ ކޮމިޝަނުގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ. އެއް ދައުރު ހަމަ ކުރުމަށްފަހު ޖޭއެސްސީއަށް އެ މީހަކު ދެވަނަ ފަހަރަށް އައްޔަން ނުކުރެވޭނެއެވެ. ޖޭއެސްސީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ.
އާންމުން ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގައި ޖޭއެސްސީގައި މިހާރު އިންނަވަނީ ޑރ. އައިމިނަތު އުއްމުކުލްޘޫމެވެ. އެ މަގާމަށް މެންބަރަކު އައްޔަން ކުރަން ހުޅުވާލީ ޑރ. އައިމިނަތު އުއްމުކުލްޘޫމްގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.