މިނިވަންދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަންބަލުން މިއަހަރު ދެއްވާ ޖާފަތްކޮޅަކީ މިހާތަނަށް އެންމެ ގިނަބަޔަކަށް ދަޢުވަތު ދެއްވައިގެން ބާއްވަވާ ރަސްމީ ޖާފަތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް ޢަލީ ވިދާޅުވީ ރައީސްގެ ދެކަނބަލުން މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވާ ޖާފަތަށް ހަތަރުހާހަށްވުރެ ގިނަ ބޭފުޅުންނަށް ދަޢުވަތު ދެއްވާފައިވާކަމަށެވެ.
ޖުލައި 26 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ ޖާފަތް މިއަހަރު ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު މައިދާނުގައެވެ. މި ޖާފަތުގެ އެންމެހާ ކަންކަން ހަމަޖައްސަވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ޖާފަތުގެ އިންތިޒާމްތައް ކުރައްވަން ހަމަޖެހިފައިވަނީ ދައުވަތު އެރުވިގެން ވަޑައިގަންނަވާ ފަރާތްތަކަށް ވީހާވެސް ފަސޭހަފުޅުވާނެ ގޮތަކަށްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި ޖާފަތް ކުރިއަށްދާ ވަގުތު އެސަރަޙައްދުގެ ސެކިއުރިޓީ ވަރުގަދަކުރައްވައި، އިސްލާމީ މަރުކަޒު މައިދާން ހިމެނޭ ސަރަޙައްދުގެ ޓްރެފިކްގެ ފްލޯއަށް ބަދަލުތަކެއް ގެންނަވާނެއެވެ.
މުޢާޒް ވިދާޅުވީ ޖާފަތުގެ މާލީ ކަންކަން ހަމަޖައްސަވާފައިވާނީ ކަނޑައެޅިފައި އޮންނަ އުޞޫލުގެ ދަށުން ކަމަށާއި، އެގޮތުން ޖަލްސާގެ ކޭޓްރިންގގެ ކަންކަންވެސް ހަމަޖައްސާވަފައިވާނީ ބިޑް އުޞޫލުން ކަމަށެވެ. މި ޖާފަތް ފެއްޓެވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އަށްގަޑި ސާޅީސް ފަހެއްގައެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ހިންގަވާ ރަސްމީ ޙަރަކާތްތަކުގެ ތެރެއިން ފަސް ޙަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މިރޭ ބާއްވަވާ މިނިވަންދުވަހުގެ ޤައުމީ ދިދަނެގުމުގެ ރަސްމިއްޔާތާއި، ރައީސްގެ ދެކަނބަލުން ދެއްވާ ރަސްމީ ޖާފަތާއި، 27 ވަނަ ދުވަހުގެ ރޭ އޮންނަ ފުޅަނދު ބުރާއި، 28 ވަނަ ދުވަހުގެ ރޭ ކުރިއަށްދާ ފަންނާނުންގެ މިއުޒިކީ ޢީދު ޙަރަކާތާއި، 30 ވަނަދުވަހުގެ ރޭ ބާއްވަވާ ހެވިކަމާއި ކުޅިވަރުގެ ޢީދުގެ ޙަރަކާތްތަކުގައެވެ.