މަސްތުވާ ތަކެތީގެ މައްސަލައަކީ ރާއްޖެއަށް އިޖްތިމާޢީ އަދި ސަލާމަތީ ގޮތުން ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މިމައްސަލަ ހައްލުކުރުމަށް މަސައްކަތް ނުކުރާ ސަރުކާރެއް ނާދެއެވެ. މިކަން އެއްކޮށް ހުއްޓުވުމަކީ އުނދަގޫ ކަމެއްނަމަވެސް މައްސަލައަށް ވަށާޖެހޭ ހައްލެއްވެސް ގެނެވިފައި ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ހައްލުކުރަން މަސައްކަތް ކުރަމުންދާ އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ. މިމައްސަލަ ހައްލުކުރުމަށް މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް، ވަށާޖެހޭ ހައްލެއް ގެނެވިފައި ނެތެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތް އެއް ވާނެއްގައި ކުރުމަށް، ދާޚިލީ ވުޒާރާގެ ދަށުން އަދުގެ ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުތަކުން މަސައްކަތް ކޮށްފައިވަނީ މަގުމަތީގައި ހުރި މަސްތުވާތަކެތި 'ފަހައި' ދުވެގެން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ. މިގޮތަށް މަސައްކަތް ކުރުމުން އާންމުކޮށް އަތުވަނީ އެންމެ ދަށުގައި ތިބޭ މީހުންނާއި މެދުތެރޭ މީހުންކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އަދުގެ ސަރުކާރުން އެންމެ އިސްކަމެއް ދެނީ ސަޕްލައި ހުއްޓުވުމަށްކަން ފާހަގަކުރެއްވިއެވެ.
"ގިނަ ފަހަރަށް އަތުވަނީ އޭގެ މެދުތެރޭ ނުވަތަ ދަށުގައި ހުންނަ މީހާ. އަޅުގަނޑުމެން މިހާރު ފައިސާ ފޮލޯ ކޮށްގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ޤަބޫލުކުރެވޭ އަދި އަތޮޅުތަކުގައި މަސްތުވާތަކެތީގެ ވިއުގާ ހިންގާ އެންމެ ބޮޑެތި މީހުންނާއި މެދު އަޅުގަނޑުމެން ފިޔަވަޅު އަޅަނީ. އެމީހުން ފައިސާ ސީޒް ކުރާނީ އަދި ވިޔަފާރި ހުއްޓުވާނީ " ވަޒީރު ވިދާޅުވިއެވެ.
މިމަސައްކަތުގެ ތެރެއިން ވައިގެ އަދި ކަނޑުގެ މަގުން އެތެރެވާ މަސްތުވާ ތަކެތި ހުއްޓުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ފާހަގަކުރާ ގޮތުގައި މިހާރު، މިފަހަކަށް އައިސް ޕޯސްޓު ނުވަތަ ވައިގެ މަގުން މަސްތުވާ ތަކެތި އެތެރެކުރަން މަސައްކަތް ކުރެވޭ މިންވަރު އިތުރުވެފައިވާއިރު، އެކަން ހުއްޓުވޭ މިންވަރު އިތުރުކޮށް ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ކަނޑުމަގުން އެތެރެވާ މަސްތުވާތަކެތި ހުއްޓުވުމަށް ހާއްސަ ސްކޭނަރެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މިކަމުގެ އެއް މިސާލަކީ ބުދަ ދުވަހުގެ ރޭ ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 18.62 ކިލޯގެ މަސްތުވާތަކެއްޗެވެ. މިއީ މިފަހުގެ ތާރީޚެއްގައި ވައިގެ މަގުން އެތެރެކުރަން މަސައްކަތް ކުރި އެންމެ ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލައިގަތް އޮޕަރޭޝަނެވެ. މިފަދަ އޮޕަރޭޝަންތަކުން ސާބިތުވާ އެއް ކަމަކީ، މަސައްކަތުގެ ނަތީޖާ ހާސިލްވާ މިންވަރު އިތުރު ކަމެވެ.
ހަމަ މިގޮތަށް މިދިޔަ އަހަރު ނޮވެމްބަރު މަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި އަތުލައިގަތުމަކީވެސް ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެކެވެ. މިފަދަ ގިނަ އޮޕަރޭޝަންތަކާއެކު މިދިޔަ މަހު ބޭއްވި އަހާ ފޯރަމުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި 18 މަސްދުވަހުގެ ތެރޭ 700 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މިއީ ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗެވެ.
ރާއްޖޭގެ ބޯޑަރުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ރޭވިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ކުށްތަކަށް އަރައިގަންނަ ފަރާތްތައް ހޯދައި، އެފަރާތްތައް ހުއްޓުވުމަކީ އަދުގެ ސަރުކާރުގެ އެންމެ މުހިންމު އަމާޒެވެ. ކަސްޓަމްސްއާއި ފުލުހުންނާއި އަދި އެނޫންވެސް ކަމާއި ގުޅުންހުރި އިދާރާތަކުގެ މަސައްކަތް ފުޅާކޮށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާއާއި ހަވާލުވެ ހުންނެވި ވަޒީރު އިހުސާން ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު އަރާ ހަމަ ކުރާނެ ކަމަށެވެ. އަދި އެކަން މިހާރު ކުރަމުންދާކަން ވަޒީރު ވަނީ ވިދާޅުވެފައެވެ.