ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ މައްޗަށް އަންނަ ހުކުރު ދުވަހު ހުކުރު ކުރާ ކޮންމެ މިސްކިތެއްގައިވެސް ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމައިފިއެވެ.
އާއިލާއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޖަނާޒާ ރާއްޖޭގައި ބާއްވަން ޝައިޚުގެ ހަށިކޮޅުމާލެ ގެނައުމަށެވެ. ނަމަވެސް ހަށިކޮޅު މެލޭޝިއާއިން ގެންނަނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ، އާއިލާއިން އެކަން ކުރަން ބޭނުން ނުވިއެވެ. އެހެންކަމުން އާޢިލާއިން މިހާރު ނިންމާފައިވަނީ ޝައިޚު ފަރީދުގެ ޖަނާޒާ މެލޭޝިޔާގައި ބޭއްވުމަށެވެ.
ރާއްޖޭގައި ޝައިޚުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޝައިޚު ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަން އާއިލާއިން ނިންމަވާފައިވާތީ، ޝައިހުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދުކުރަން ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ.
އެހެންކަމުން މި ހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ޝައިޚު ފަސްދާނުލައިފިނަމަ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޝައިހު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޝައިޚް ފަރީދު އަވަހާރަވީ ދީނީ ދަޢުވަތުގެ މަސައްކަތެއްގައިި އިއްޔެ މެލޭޝިއާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.