އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނައިރު، 200 އިންސައްތަ ދީގެންވެސް އެ މެޗުން މޮޅުވުމަށް ކުޅުންތެރިން މަސައްކަތްކުރާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ބުނެފިއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު ރާއްޖެއިން ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނައިރު، މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ޑާވިންގެ ޓެރެޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައެވެ. އެ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ މިހާތަނަށް ޑާވިންގައި ދެ ފަރިތަކުރުމެއް ކުރިއަށްގެންގޮސްފައެވެ.
ފަރިތަކުރުންތަކުގެ ތެރެއިން "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ގައުމީ ޓީމުގެ ފޯވާޑް ފާސިރު ބުނީ އޮސްޓްރޭލިއާގައި މިހާތަނަށް ކުރިއަށްގެންދިޔަ ދެ ފަރިތަކުރުންވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ކުޅުންތެރިންގެ އިތުރު އަނިޔާއެއް ނެތް ކަމަށާއި، އެންމެ ފަހުގެ ފަރިތަކުރުންތަކަށް ދާއިރު ހުރިހާ ކުޅުންތެރިންވެސް ތިބީ ރަނގަޅަށް ކަމަށް ވަނީ ބުނެފައެވެ.
ޓިމޯ ލެސްޓޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސިންގަޕޫރާ ދެކޮޅަށް އެ ގައުމުގައި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗުން ރާއްޖެ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.
ސެންޓޭ ބުނީ މި ފަހުން މާލޭގައި އެފްއޭއެމް ލީގު ކަޕުގެ މެޗުތަކެއް ކުޅުމަށްފަހު ސިންގަޕޫރާ ދެކޮޅަށް މެޗެއް ކުޅެން ލިބުމާއެކު، ފަސޭހަތަކެއް ވާނެ ކަމަށެވެ. އަދި ޓިމޯ ލެސްޓޭ މެޗުން މޮޅުވަން ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް މަސައްކަތް ކުރާތަން ފެންނަ ކަމަށާއި، 200 އިންސައްތަ ދީގެންވެސް މި މެޗުން މޮޅުވަން ކުޅުންތެރިން މަސައްކަތްކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ހަ މެޗެއް ރާއްޖެއިން ކުޅޭއިރު، ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. އެގޮތުން ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށް ނުކުތްއިރު، އެ މެޗުން ރާއްޖެ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.