ޚަބަރު

ހުޅުމާލޭގެ ކަރަންޓުގެ މަޝްރޫޢޫ ހިންގުން 3 ބަޔަކަށް ބަހާލެވިފައި


ހުޅުމާލޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 50 މެގަވޮޓްގެ ކަރަންޓުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 3 ބަޔަކަށް ބަހާލައިގެންކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ޤާއިމުކުރާ ކަރަންޓުގެ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ވަނީ ނިންމަވާފައެވެ. މިކަން ރަސްމީކޮށް ފަށްޓަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއެވެ.

ހުޅުމާލޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 50 މެގަވޮޓްގެ އިންޖީނުގެއަކީ "ސްޓެލްކޯ ފިފްތް ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖްކްޓް"ގެ ދަށުން ހުޅުމާލޭގައި މުޅިން އަލަށް އެޅުމަށް ހަމަޖެހިފައިވާ އިންޖީނުގެއެކެވެ. މިމަޝްރޫޢުގެ ދަށުން ޕަވަރ ޖެނެރޭޝަން ފެސިލިޓީ، ފިއުލް ފާރމް އަދި ވޯޓަރ ޑީސެލިނޭޝަން ފެސިލިޓީއެއް ޤާއިމުކުރެވޭނެއެވެ. ޕަވަރ ޖެނެރޭޝަން ފެސިލިޓީގައި 9 މެގަވޮޓްގެ 6 އިންޖީނު ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ފިއުލް ފާރމްގައި 2400 މެޓްރިކް ޓަނުގެ ކެޕޭސިޓީ ސްޓޯރޭޖެއް ހުންނާނެއެވެ.

ވޯޓަރ ޑީސެލިނޭޝަން ފެސިލިޓީ މެދުވެރިކޮށް ދުވާލެއްގެ މައްޗަށް ދެހާސްޓަނުގެ ފެން އުފެއްދޭނެކަމަށް ސްޓެލްކޯ އިން ވިދާޅުވެއެވެ. ސްޓެލްކޯގެ ސީނިއަރ އިންޖިނިއަރ އަބްދުލްމާލިކް ތައުފީޤު ވިދާޅުވީ ވޯޓަރ ޑީސެލިނޭޝަން ފެސިލިޓީއިން އުފައްދާ ފެނަކީ އިންޖީނުގެ ހޫނު ބޭނުންކޮށްގެން ރިނިއުބަލް އެނަރރޖީގެ ޒަރީޢާއިން އުފައްދާ ފެންކަމަށެވެ.

ޗައިނާގެ ކުންފުންޏެއްކަމަށްވާ ޑޮންގފަންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަން އާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގައި މިހާރު ކުރިއަށްދަނީ މިސަރަޙައްދުގެ އިންފާރު ރޭނުމުގެ މަސައްކަތާއި، އެތަނުގެ ފަސްގަނޑު ބެލުމުގެ މަސައްކަތްކަމަށް  އަބްދުލްމާލިކް ތައުފީޤު ވިދާޅުވިއެވެ. 26 މަސް ދުވަހުގެ މިމަޝްރޫޢަކީ ޗައިނާ އެގްޒިމް ބޭންކުގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އަބްދުލްމާލިކް ތައުފީޤު ވިދާޅުވީ މިމަޝްރޫޢަށް ބޭނުންވާ ލޯން ހަމަޖެއްސުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށާއި، އަންނަ މަހުގެ މެދުތެރޭގައި ލޯން ހަމަޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

މިއިންޖީނުގެއާއެކު މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގެ ޒަރީއާއިން މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. މިޕަވަރ ޕްލާންޓްގެ އިތުރަށް 50 މެގަވޮޓް އިތުރުކުރުމަށްވެސް ސްޓެލްކޯ އިން ވަނީ ނިންމަވާފައެވެ.