ޚަބަރު

ކުރިކެޓަށް ޚާއްސަ އައިސީސީ އޭޝިއާ ވީކް މިމަހުގެ 13ގައި


ކުރިކެޓަށް ޚާއްސަކޮށްގެން އިންޓަނޭޝަނަލް ކުރިކެޓް ކައުންސިލް (އައިސީސީ)އިން ކުރިއަށްގެންދާ އައިސީސީ އޭޝިއާ ވީކް ފާހަގަކުރުން މިއަހަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި އޮންނާނެކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިއުލާންކޮށްފިއެވެ.

ސީބީއެމްއިން ބުނީ މިހަރަކާތްކުރިއަށްދާނީ މިމަހުގެ 13އިން 21އަށް މާލެއާއި، ލ. ކުނަހަންދޫގެ އިތުރުން ޏ. ފުވައްމުލަކުގައިކަމަށެވެ. އާންމުންނަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ މި ހަރަކާތުގައި އެކި އުމުރުފުރާތަކަށް ޚާއްސަކޮށްގެން މެޗުތަކެއް ކުޅުމަށްވެސްވަނީ ތާވަލުކޮށްފައެވެ.

މިގޮތުން މިމަހުގެ 13ވަނަ ދުވަހު މި ހަރަކާތް ފެށިގެންދާނީ މާލޭގައި ގައުމީ ކުރިކެޓު ޓީމު ކުޅޭ މެޗަކުންނެވެ. ހަމަ އެދުވަހު ލ. ކުނަހަންދޫގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިކެޓު ކާނިވަލެއްވެސް ކުރިއަށްދާނެއެވެ. ޖެހިގެން އަންނަ ދުވަހަށް ރާވާފަވާ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިކެޓު ކާނިވަލެއް މާލޭގައި ބޭއްވުން ހިމެނެއެވެ. ހަމަ އެދުވަހު ދެ ޖިންސުގެ ކުދިންގެ މެދުގައި ކުޅެވޭ ކުރިކެޓު މެޗުތަކެއް ލ ކުނަހަންދޫގައި ކުރިއަށްދާނެއެވެ.

ކުރިކެޓު ވީކުގެ ތިންވަނަ ދުވަހުގެ ހަރަކާތްތައް ކުރިއަށްދާނީ މާލޭގައެވެ. އެދުވަހަށް ރާވާފަވަނީ 19 އަހަރުންދަށުގެ ޓީމުގެ މެޗަކާއި 16 އަހަރުންދަށުގެ ޓީމުގެ މެޗެއް ކުޅުމަށެވެ. އަދި މިމަހުގެ 16 ވަނަ ދުވަހު އިންޓަ ސްކޫލު ކުރިކެޓު މުބާރާތް މާލޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، 17 ވަނަ ދުވަހުގެ ހަރަކާތް ކުރިއަށްދާނީ ފުވައްމުލަކުގައެވެ. އެދުވަހު ފުވައްމުލަކުގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިކެޓު ކާނިވަލެއް ކުރިއަށްދާއިރު، ޖެހިގެން އަންނަ ދުވަހު ހަމަ އެރަށުގައި ދެމެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެދުވަހު ކުޅުމަށް ތާވަލުކޮށްފަވަނީ 23 އަހަރުންދަށުގެ ޓީމުގެ މެޗަކާއި 19 އަހަރުންދަށުގެ ޓީމުގެ މެޗެކެވެ.

އަދި މިމަހުގެ 21 ވަނަ ދުވަހާއެކު ކުރިކެޓު ވީކް ނިންމުމުގެ ރަސްމިއްޔާތު މި ތިން ސަރަހައްދުގައިވެސް ކުރިއަށްގެންދާގޮތަށް ސީބީއެމްއިން ވަނީ އިންތިޒާމުކޮށްފައެވެ. މި ހަރަކާތްތަކަކީ އާންމުންނަށްވެސް ބައިވެރިވެވޭހެން ކުރިއަށްގެންދާ ހަރަކާތްތަކެއްކަމަށް ސީބީއެމްއިން ފާހަގަކުރެއެވެ.

"މިދިޔަ އަހަރުވެސް ވަރަށް ކާމިޔާބުކަމާއެކު މި ހަރަކާތް ކުރިއަށްދިޔަ. މިއީ އާންމުންނަށްވެސް ހުޅުވާލައިގެން ކުރިއަށްގެންދާ ހަފްތާއެއް. އުންމީދުކުރަނީ މިއަހަރުގެ ކުރިކެޓު ހަފްތާއަކީވެސް ގިނަ ބަޔަކު ބައިވެރިވާނެ ހަފްތާއަކަށްވުން" ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ނައިބު ރައީސް އަޙްމަދު އިސްހާގު ވިދާޅުވިއެވެ.