ކުޅިވަރު

އިންޓަރ ސްކޫލް ކްރިކެޓް މުބާރާތް މި މަހު 16 ގައި، ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތް


12 ވަނަ އިންޓަރ ސްކޫލް ކްރިކެޓް މުބާރާތް މި މަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެބައޮތް ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ނައިބު ރައީސް އަޙްމަދު އިސްހާގު ވިދާޅުވެއްޖެއެވެ.

މިމުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިސްހާގު ވިދާޅުވީ އިންޓަރ ސްކޫލު ކުރިކެޓު މުބާރާތް މިއަހަރު މިބޭއްވެނީ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހުގައިކަމަށެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15ވަނަ ދުވަހާ ހަމައަށް ހުޅުވިފައިވާކަމަށާ، މިހާތަނަށް ފަސް ސްކޫލަކުން މުބާރާތުގައި ބައިވެރިވެރިވެފައިވާކަމަށް އިސްހާގު ފާހަގަކުރެއްވިއެވެ. އެއީ މުހްޔިއްދީން ސްކޫލާއި، ތާޖުއްދީނު ސްކޫލާއި، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، ރެހެންދި ސްކޫލުގެ އިތުރުން ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލެވެ.

"މި މުބާރާތަކީ ކުރިން ވަރަށް ފޯރީގައި ކުރިއަށްދިޔަ މުބާރާތެއް. މިސާލަކަށް 80ގެ ފަހުކޮޅު، 90 ގެ ތެރޭގަ މިމުބާރާތުގެ ފޯރި ވަރަށް ގަދަވި. އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އޭރު ގެންނެވި ބަދަލަކާ ގުޅިގެން މުބާރާތް މެދުކެނޑިގެން ދިޔަ. އެއަށްފަހު ދާދި ފަހަކުން އަޅުގަނޑުމެންނަށް އަނެއްކާވެސް ހުއްދަ މިލިބުނީ. އުންމީދަކީ އަނެއްކާވެސް ކުރިން އޮތް ފޯރި އަލުން މިމުބާރާތަށް ލިބުން" އިސްހާގު ވިދާޅުވިއެވެ.

އިންޓަރ ސްކޫލު ކުރިކެޓު މުބާރާތް މިމަހުގެ 16އިން 25އަށް ތާވަލުކޮށްފަވާއިރު މިއަހަރުގެ މުބާރާތުގައި ކުރިއަށްދާނީ ދެ އުމުރުފުރާއެއްގެ މެޗުތަކެވެ. އެއީ 16 އަހަރުންދަށުގެ އުމުރުފުރާއާއި، 14 އަހަރުންދަށުގެ އުމުރުފުރާއެވެ. މިމުބާރާތުގެ ކުޅުން ކުރިއަށްދާނީ މާލޭ ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑުގައެވެ.

ކުރިކެޓު ދިރުވާ އާލާކުރުމަށް ސީބީއެމްއިން ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ކުރިކެޓް ތަރައްގީކޮށް ފުޅާކުރުމުގެ މަގުސަދުގައި ފަށާފައިވާ "ސީޑްސް" ޕްރޮގުރާމު ފާހަގަކޮށްލެވެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ގްރޭޑް 4 އިން ފެށިގެން ގްރޭޑް 7 އާ ދެމެދުގެ ކޮންމެ ކުއްޖަކަށްވެސް އެބައޮތެވެ.

ސީބީއެމްގެ އަމާޒަކީ މި ޕްރޮގުރާމުގެ ދަށުން، ދެ ޖިންސުގެ ކުދިން ހިމެނޭހެން 5000 ކުޅުންތެރިން ކުރިކެޓަށް ތަމްރީނުކޮށް، މިކުޅުންތެރިންގެ ތެރެއިން މުސްތަގުބަލުގެ ގައުމީ ޓީމު އެކުލަވާލުމެވެ.