ތަރައްްޤީ

ބ އަތޮޅުން 82 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް !


ރާއްޖޭގައި ބިދޭސީ މަސައްކަތު މީހުން އިތުރުވުމާއި އޭގެ ތެރޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން އުޅޭކަން ފާހަގަކުރެއްވޭތީ، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ފިޔަވަޅުއެޅުއްވުމާއި އަނބުރައި ފޮނުއްވާލެއްވުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިވަޑައިގެން ގެންދަވަނީ ކުރައްވަމުންނެވެ. މި މަސައްކަތުގެ ދަށުން އެންމެ ފަހުން ހިންގެވި އެއް ޙަރަކާތަކީ، ބ. އަތޮޅުގެ 4 ރަށެއްގައި ހިންގެވި ރެއިޑް ޕްރޮގްރާމެވެ. 

މި ޖުލައިމަހުގެ 17 ން 22 އަށް ހިންގެވި މި ޙަރަކާތުގައި 82 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެއްލެވުމުގެ ދަށަށް ވަނީ ގެންދަވާފައެވެ. މި ރެއިޑް ޕްރޮގްރާމް ކުރިޔަށް ގެންދެވީ، އެއަތޮޅު ތުޅާދުއާއި އޭދަފުށްޓާއި ދަރަވަންދޫގެ އިތުރުން ގޮއިދޫގައެވެ. މިޕްރޮގްރާމުގެ ދަށުން ތުޅާދޫން 57 ބިދޭސީން ސްކްރީން ކުރެއްވުމަށްފަހު 24 ބިދޭސީއަކު އިމިގްރޭޝަންގެ ބެއްލެވުމުގެ ދަށަށް ގެންދަވާފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވައެވެ. އޭދަފުށީން 54 ބިދޭސީން ސްކްރީން ކުރެއްވުމަށްފަހު 26 ބިދޭސީން އިމިގްރޭޝަންގެ ބެއްލެވުމުގެ ދަށަށް ގެންދަވާފައިވެއެވެ. އަދި ދަރަވަންދޫން 85 ބިދޭސީން ސްކްރީން ކުރެއްވުމަށްފަހު 18 ބިދޭސީން އިމިގްރޭޝަންގެ ބެއްލެވުމުގެ ދަށަށް ގެންދަވާފައިވެއެވެ. އެއަތޮޅު ގޮއިދޫން 37 ބިދޭސީން ސްކްރީން ކުރެއްވުމަށްފަހު 14 ބިދޭސީން އިމިގްރޭޝަންގެ ބެއްލެވުމުގެ ދަށަށް ގެންދިޔަކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައެވެ.

img:http://s2.psmnews.mv/images/660x400/14693479356636.jpg|ބ އަތޮޅުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންތަކެއް / ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ ބެއްލެވުމުގެ ދަށަށް ގެންދަވާފައިވާ މީހުންނަކީ ލިޔެލާ ޖެހުމުގެ މަސައްކަތާއި، ޑޮމެސްޓިކް ސާވަންޓުގެ ގޮތުގައި ގެނެސް ދަނޑުވެރިކަމުގެ ވަޒީފާގައި ގެންގުޅުނު މީހުންނާއި، ފެހުމުގެ މަސައްކަތާއި ކޮންސްޓްރަކްޝަން ދާއިރާގައި ޙަރަކާތެރިވަމުންދިޔަ މީހުންނެވެ. މި އޮޕަރޭޝަނުގައި ޤަވާޢިދާ ޚިލާފަށް ބިދޭސީން ރެކްރޫޓްކުރި 3 ފަރާތެއްވެސް އިމިގްރޭޝަންގެ ބެއްލެވުމުގެ ދަށަށް ގެންދަވާފައިވާކަމަށް ހާމަކުރެއްވިއެވެ.  

މި ޕްރޮގްރާމްގައި މި 4 ރަށުގައި ބިދޭސީންގެ ދަފްތަރެއް އެކުލަވާލެއްވުމުގެ މައުލޫމާތު ދެއްވުމުގެ ސެޝަންތައް ހިންގަވައި، ސްކްރީންކުރުމަށް ގެނައި ފަރާތްތަށް ދަފްތަރުގައި ހިމަނުއްވާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރައްވައެވެ. އެގޮތުން މި ހަތަރު ރަށުން 233 ފަރާތެއް ސްކްރީންކުރެވި، ދަފްތަރުގައި ރަޖިސްޓްރީ ކުރައްވާފައިވެއެވެ.

މި ޕްރޮގްރާމް ބ. އަތޮޅަށް އަމާޒުކުރެއްވީ އެ އަތޮޅަކީ އަތްތެރިކަމުގެ މަސައްކަތްކުރާ ގިނަރަށްތަކެއް ހިމެނޭ އަތޮޅަކަށް ވުމާއެކު، މި މަސައްކަތްތަކުގައި ޤަވާޢިދާ ޚިލާފަށް ބިދޭސީން ޝާމިލްވެ އުޅުމުގެ ސަބަބުން، އެމަސައްކަތް ކުރާ ދިވެހިންގެ ވިޔަފާރިއަށް ގެއްލުންވަމުންދާތީ، އެތޮޅު ކައުންސިލުން ރިޕޯޓްކުރެއްވުމާ ގުޅިގެންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި ކުރިޔަށް އޮތްތާނގައި މިފަދަ އިތުރު ޕްރޮގްރާމްތައް ފުލުހުންނާއި އިމިގްރޭޝަން ގުޅިވަޑައިގެން ކުރިޔަށް ގެންދެވުމަށް ހަމަޖެހިފައިވާކަމަށްވެސް ހާމަކުރައްވައެވެ.