ޚަބަރު

ރާއްޖެ މެޗަކީ ބަންގްލަދޭޝް މެޗަށް ކުޅުންތެރިންގެ ފެންވަރު ވަޒަންކުރުމަށް މުހިންމު މެޗެއް: ސިންގަޕޫރު ކޯޗު


ދިވެހިރާއްޖެ އާއެކު ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗަކީ ކުޅުންތެރިން ވަޒަންކުރުމާއި، ޓީމްވޯކް އަދި ފިޓްނެސް ލެވެލް ބެލުމަށް މުހިންމު މެޗެއް ކަމަށް ސިންގަޕޫރުގެ ގައުމީ ޓީމުގެ ކޯޗު ސުޓޯމޫ އޮގޫރާ ބުނެފިއެވެ.

ފީފާ ރޭންކިންގެ 161 ވަނައިގައި އޮތް ސިންގަޕޫރު މީގެ ކުރިން އޭޝިއަންކަޕަށް ކޮލިފައިވެފައެއް ނުވެެއެވެ. އެހެންނަމަވެސް 1984 ވަނަ އަހަރު އެ ގައުމުގައި މުބާރާތް ހޯސްޓުކުރުމުން މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބުނެވެ.

ސިންގަޕޫރު ޓީމުގެ ކޯޗު ބުނީ އޭނާގެ ޓީމުން މި މެޗަށް ވަރަށް ރަނގަޅަށް ވިސްނަންޖެހޭނެ ކަމަށެވެ. ސަބަބަކީ މި މެޗަކީ ޖޫން 10 ގައި ބަނގްލަދޭޝް އާއި ދެކޮޅަށް ކުޅޭ އޭއެފްސީ އޭޝިއަންކަޕް ކޮލިފައިން މެޗަށް މުހިންމު މެޗެއްކަމަށެވެ. ބަނގްލަދޭޝް މެޗަކީ މޮޅުވުން މަޖުބޫރު މެޗަކަށްވާއިރުު ރާއްޖެ މެޗުގެ ވޯކް ރޭޓާއި ކޮންސެންޓްރޭޝަން ވަރަށް ރަނގަޅު ކުރަންޖެހޭނެ ކަމަަށް ކޯޗުވަނީ ކުޅުންތެރިންގެ ކިބައިން އެދިފައެވެ.

އެންމެ ފަހުން ސިންގަޕޫރު ކުޅުނު ހަ މެޗުންވެސް މޮޅުވެފައެއް ނުވެއެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ގުރޫޕް ސީގައި ކުޅުނު ފުރަތަމަ މެޗުގައި ހޮންގކޮންގ އާއި ދެކޮޅަށް ކުޅުނު މެޗުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފައެެވެ.

ސިންގަޕޫރުން ވަނީ އޭޝިއަންކަޕް ކޮލިފައިންމެޗަށް އެޓީމުގެ ސްކޮޑް ވަރުގަދަ ކޮށްފައެވެ. އެގޮތުން މުހިންމު ކުޅުންތެރިންގެތެރޭގައި އިހްސާން އާއި މިޑްފީލްޑަރ ސޮންގ ޔުއި ޔަންގ ފާހަގަކޮށް އޮގުރާ ބުނީ އޭނާ އުންމީދުކުރަނީ މި ކުޅުންތެރިންގެ މަސައްކަތުގެ ރޭޓަށް ބަލާއިރު ރާއްޖެ މެޗާއި ކޮލިފައިން މެޗުން މޮޅުވުމުގެ އުންމީދު އެބައޮތް ކަމަށެވެ.