އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނައިރު އެއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި، މިއީ ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި އޮތް އަޑިގަނޑުން އަރައިގަންނަން ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.
އޭޝިއަން ކަޕް ކޮލިފައިން ގުރޫޕް އޭގައި ފުރަތަމަ މެޗުގައި ތަޖަކިސްތާން އަތުން ޓީމޯ ލެސްޓޭ ވަނީ ބަލިވެފައެވެ. އެމެޗަށް އިޝާރާތް ކުރަމުން ސުޒެއިން ބުނީ އެމެޗުން ޓިމޯ ލެސްޓޭ ބަލިވި ނަމަވެސް އެޓީމުން އެމެޗުގައި އެއްވަރެއްގެ ކުޅުމެއް ދެއްކި ކަމަށެވެ.
"ޓިމޯ ލެސްޓޭއަކީ އަޅުގަނޑުމެން މިކިޔާ ގޮތުންނަމަ ނެޗުރަލައިޒް ޕްލެޔަރުން ތަންކޮޅެއް ގިނަ ގައުމެއް، އޮސްޓްރޭލިޔާ، ބްރެޒިލް، އޭގެއިތުރުން ޕޯޗިގީޒް ނުފޫޒް ވަރަށް ގަދައަށް ޓީމުގައި އެބައޮތް." ސުޒެއިން ބުންޏެވެ.
ގައުމީ ޓީމުން އެންމެފަހުން ކުޅުނު މެޗުތަކުގައި ޓީމަށް ވަސީލަތްތައް ފޯރުކޮއްދިނުމާއި ބައެއް އިންތިޒާމްތަށް ހަމަޖެއްސުމުގައި ސަރުކާރުން އަދާކުރި ދައުރާއި އެފްއޭއެމް ކުރަމުން އަންނަ މަސައްކަތައް ސުޒެއިން ވަނީ ޝުކުރުއަދާކޮއްފައެވެ. އޭޝިއަން ކަޕް ކޮލިފައިންގަ އެންމެ ފަހުން ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ދެއްކީ އާދައިގެ ކުޅުމެއް ނަމަވެސް އެމެޗުގައި ރަނގަޅު މަދު އެޓޭކްތަކެއް ކުރިކަމަށް ސުޒެއިން ވަނީ ބުނެފައެވެ.
އެ މެޗުގައި ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ހުރިކަން ފާހަގަވި ކަމަށާއި، މާދަމާ ސިންގަޕޫރާ ދެކޮޅަށް ނުކުންނައިރު އެކަންކަން ރަނގަޅުކުރާނެ ކަމަށް ސުޒެއިން ބުންޏެވެ. ނިމިގެންދިޔަ ލީގު ކަޕަކީ ކުރު އެހެންނަމަވެސް ފެންވަރު ރަނގަޅު މުބާރާތެއްކަން ފާހަގަކުރަމުން ސުޒެއިން ބުނީ ލީގު ކަޕަކީ ކާމިޔާބު މުބާރާތެއް ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތްކަމަށެވެ.
ފަރިތަކުރަން މާގިނަ ދުވަސް ޓީމުތަކަށް ނުލިބުނު ނަމަވެސް ޓީމުތަކުން ފެނިގެންދިޔައީ މެޗަކަށް ފަހު މެޗެއް ރަނގަޅަށް ކުޅުނުތަން ކަމަށް ސުޒެއިން ވަނީ ބުނެފައެވެ.
"މަހިބަދޫ ވެސް އެއްވެސް ޕްރެކްޓިސް އެއް ނެތި ކުޅުނީ އެކަމަކު ފަހުބައިގަ މަހިބަދޫ ވެސް ފެނުނީ ތަފާތުކޮށް، ދެން އޮތީ ނިއުރޭޑިއަންޓް އެޓީމުން ވެސް މުބާރާތުގެ ސެމީފައިނަލުގަ ކުޅުނު، ހަމަ ވަރަށް ވަރުގަދަ ޓީމެއް ގޮތުގައި މުބާރާތުގައި ފެނިގެންދިޔައީ." ސުޒެއިން ބުންޏެވެ.
ސުޒެއިން ވަނީ ގައުމީ ޓީމުގެ ހަރަކާތްތައް ފިލިޕީންސް މެޗާ ހިސާބުން ރާއްޖޭގެ މީޑިޔާއިން ރަނގަޅަށް ގެނެސްދީފަވާތީ ނޫސްވެރިންނަށް ޝުކުރުއަދާ ކޮއްފައެވެ.
ޓިމޯ ލެސްޓޭ މެޗުގެ ކުރިން މާދަމާ ރާއްޖެއިން ސިންގަޕޫރާ ދެކޮޅަށް އެކުވެރި ކަމުގެ މެޗެއް ކުޅޭނެއެވެ. ސިންގަޕޫރުގެ ނެޝަނަލް ސްޓޭޑިއަމްގަ ކުޅޭ މެޗު ފަށާނީ މާދަމާ ރާއްޖެގަޑިން ހަވީރު 16:30 ގައެވެ.