ޚަބަރު

ފްލެޓް ލިސްޓު މައްސަލައިގަ އަކްރަމް ހިމެނޭހެން ހައުސިންގެ އޭރުގެ 4 ވެރިއަކަށް ދަޢުވާކޮށްދޭން އެސީސީން އެދިއްޖެ


  • އެމީހުންގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތާއި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަޢުވާ

  • އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތު ކުރޭ

ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން ތަޙްޤީގަށް ހާމަވެފައިވާތީ އެ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙުޤީޤުކުރަމުން ގެންދާ މައްސަލައިގެ ތަޙުޤީޤުގައި ހޯދާފައިވާ ހެކިޤަރީނާއިން އެނގޭކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ.

އޭސީސީން ވިދާޅުވީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައި އޭރު ހުރި މއ. އެވަރލާސްޓް، އަކްރަމް ކަމާލުއްދީންއާއި އެމިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި ހއ. އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފްއާއި އެމިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި މއ. ވިރާޙް، ޟިރުޢާމް ވަޙީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރި މއ. އިހާދޫ، އަޙްމަދު ވިޝާން ނަސީމްގެ މައްޗަށްކަމަށެވެ.

މި މައްސަލައިގެ ތަޙުޤީޤުގައި ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ދެ މުއްއައްސަސާއިން ކުރަމުންދާކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލިއިރު އޭގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުރުމުން އޭސީސީން އެ މައްސަލަ ބަލަން ފެށިއެވެ. މި މައްސަލައާ ގުޅޭގޮތުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ ސަރުކާރު ބަދަލުވުމަށްފަހުވެސް ފްލެޓް ކޮމިޓީގެ ބައެއް މެންބަރުން ޕޯޓަލްއަށް އެކްސެސްވެފައިވާކަންވެސް ހާމަކުރައްވާފައެވެ. އެގޮތުން ގެދޮރުވެރިޔާ ފްލެޓް ލިސްޓް އެކުލަވާލާފައި އޮތްއިރު ފްލެޓް ކޮމިޓީގެ މެންބަރަކު އަމިއްލައަށް އޭނަގެ ފޯމް ސުޕަވައިޒަރަކަށް އެސައިން ކޮށްގެން އިވެލިއޭޓްކޮށް ފްލެޓް ލިބޭ ލިސްޓްގައި ހިމަނާފައިއޮތެވެ. އަދި ޕޯޓަލްގައި 15 އަހަރުވަންދެން މާލޭގައި ދިރިއުޅެމުންދާކަން ޔަޤީންކޮށްދިނުމަށް އަޕްލޯޑް ކުރާ ބަޔަށް އައިޑީކާޑު އެއްފުއް އަޕްލޯޑް ކުރުމާއި ކައިވެނީގެ ސެޓްފިކެޓްގެ އެއް ސަފުހާ އަޕްލޯޑްކޮށްފައި ހުރިކަންވެސް އެ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

ކުރީ ސަރުކާރުން އެކުލަވާލި ލިސްޓްގައި މާލޭގައި ދިރިއުޅޭކަމަށް ބަޔާންކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ދީފައިވާ ރަސްމީ ލިޔުމެއްވެސް ހުށަހަޅާފައިވެއެވެ. އަދި ކުންފުންޏެއް ވުޖޫދުވެފައި އޮތް ތާރީޚަށްވުރެ ކުރީ ތާރިޚެއްގައި އެ ކުންފުނީގައި މަސައްކަތް ކޮށްފައިވާކަމުގެ ލިޔުން ހުށަހަޅައިގެން ފްލެޓް ލިސްޓުން ޖާގަ ހޯދާފައިވެސް ވެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ ފްލެޓް ހޯދުމަށް ހުށަހެޅި ފާރާތްތަކުގެ ފޯމްތައް އިވެލުއޭޓްކުރުމަށްޓަކައި ކާކުކަން ޔަޤީން ނުވާ ޖީމެއިލް އެކައުންޓްތަކަކުންވެސް އިވެލުއޭޝަންގެ މަސައްކަތްތައް ކޮށްފައިވާކަމަށެވެ. މީގެ އިތުރުން ރަށްރަށުގައި ދަޢުލަތުގެ ވަޒީފާގައި އުޅޭ ފަރާތްތަކުން މާލޭގެ ވަޒީފާގައި އުޅޭކަމުގެ ލިޔުން ހުށަހަޅައިގެން ލިސްޓްގައި ހިމަނާފައިވއެވެ. މި ނޫނަސް އެތަކެއް ބޮޑެތި މައްސަލަތަކެއް ފްލެޓް ލިސްޓް އެކުލަވާލިއިރު ފާހަގަވެފައި ހުރިކަން އެ ވުޒާރާއިން ވިދާލުވެއެވެ.

2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހު ފްލެޓް ލިސްޓް އިޢުލާން ކުރުމަށްފަހު ސަރުކާރު ބަދަލުވުމަށްފަހުވެސް ފްލެޓް ކޮމިޓީގެ ބޭފުޅުން ޕޯޓަލްއަށް އެކްސެސްވެފައިވާކަމަށް ސާބިތުވާކަމަށާއި، އެގޮތުން 2023، ނޮވެންބަރު 17 އަދި 18 އެ ދެދުވަހުވެސް ޕޯޓަލްއަށް އެކްސެސް ވެފައިވެއެވެ. އަދި ލިސްޓް އިޢުލާން ކުރުމަށްފަހު 2 ދުވަހުގެ ތެރޭގައި އެއް ސޮފުހާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެސްވެއެވެ.