ސީޒަން ނިމުމުންވެސް އިނގިރޭސި ޓީމުތަކުން ޕްރޮމޯޝަނަލް ދަތުރުކޮށް، މެޗުތައް ކުޅޭތީވެ ކުޅުންތެރިން އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ފްރޮފެޝަނަލް ޕްލޭޔާސް އެސޯސިއޭޝަނަށް މި ފަހަރު މައްސަލަ ހުށަހެޅީ އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނެވެ. އެއީ ސީޒަން ނިމުމުން އޭޝިޔާ އަށް ދަތުރުކޮށް މެޗުތަކެއް ކުޅެފައިވާތީ އެވެ.
ޕްރޮފެޝަނަލް ޕްލޭޔާސް އެސޯސިއޭޝަނުން ބުނީ ކުޅުންތެރިންގެ މައިގަނޑު މައްސަލައަކީ އޮފް ސީޒަނަކީ އަރާމު ކުރަން ލިބޭ ދުވަސްވަރަށް ވެފައި އެ ދުވަސް ވަރު ވެސް ކުޅުމުގައި ކުޅުންތެރިން ބިޒާވާތީ ކަމަށެވެ. އަދި ސިޒަނުގައި އަރާމެއްނެތި ގިނަ މެޗުތަކެއް ކުޅުމަށްފަހު ކުޅުންތެރިން ބޭނުންވަނީ ފުޓްބޯޅައާ ދުރުވެ އާއިލާއާއެކު ހަމަޖެހިގެން އަރާމު ކުރާނެ ވަގުތު ހޯދުމަށް ކަމަށެވެ.
ޕްލޭޔާސް އެސޯސިއޭޝަނުން ބުނީ ކުލަބުތަކަށް ފައިސާ ލިބުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ކުޅުންތެރިންގެ ސިއްހަތަށް ބެލުމެއްނެތި މެޗުތައް ރޭވުމުން އޭގެ ނޭދެވޭ އަސަރު ކުޅުންތެރިންނާއި ޓީމަށް ވެސް ކުރާނެ ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑް އޭޝިޔާ އަށް މި ފަހަރު ކުރި ދަތުރުގައި ވަނީ ދެ މެޗެއް ކުޅެފަ އެވެ. މިއީ 10 މިލިއަން ޔޫރޯ ލިބޭތީވެ އެ ކުލަބުން އިންތިޒާމް ކުރި ދަތުރެކެވެ. މީގެ ކުރިން ނިއުކާސަލް އާއި ޓޮޓެންހަމުން ވެސް ވަނީ މިފަދަ ދަތުރުތަކެއް ކޮށްފަ އެވެ. އަދި އެންމެ މޮޅު ކުޅުންތެރިން ގިނަ ކުލަބު ކަމަށްވާ މެންޗެސްޓާ ސިޓީން ވެސް ވަނީ އޭޝިޔާ އަށް މި ފަދަ މެޗުތަކެއް ކުޅެން ދަތުރުކޮށްފަ އެވެ. ސީޒަން ނިމުމުން އޭޝިޔާ އަށް އިނގިރޭސި ޓީމުތަކުން މިސްރާބު ޖަހާފައިވާއިރު ސީޒަން ފެށުމުގެ ކުރިން ވެސް ގިނަ ޓީމުތަކުން އޭޝިޔާ އަށް ދަތުރު ކުރެ އެވެ. އާއްމުކޮށް އިނގިރޭސި ޓީމުތަކަށް އެންމެ ބޮޑު ސަޕޯޓެއް ލިބެނީ އޭޝިޔާ އާއި އެމެރިކާއިންނެވެ.
ނަމަވެސް ޕްރޮފެޝަނަލް ޕްލޭޔާސް އެސޯސިއޭޝަނުން ބުނީ މެޗުތައް ގިނަވެ ކުޅުންތެރިން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ހިފައިގެން ވަރަށް އަވަހަށް އިނގިރޭސި ލިގާއެކު މަޝްވަރާ ކުރާނެ ކަމަށެވެ.