ލިވަޕޫލްގައި ކާމިޔާބީތަކެއް ހޯދި ކޯޗު ޔާގެން ކްލޮޕުގެ އެސިސްޓަންޓް ކޯޗު ޕެޕް ލިންޑާސް، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ގުޅެން ނިންމައިފިއެވެ.
ލިންޑާސް ކޯޗިން ޓީމަށް ގެނައުމަށް ގާޑިއޯލާ ނިންމީ އޭނާގެ ކޯޗިންގެ ޓީމުގެ މެމްބަރުންގެ ތެރެއިން ތިން މީހަކު ސިޓީ ދޫކޮށްލަން ނިންމުމުންނެވެ. މީގެ ތެރެއިން ދެ މީހަކު ނިންމީ އަމިއްލަ ކޯޗިން ކެރިއަރެއް ފެށުމަށެވެ. އަނެއް މީހާ އަމިއްލަ ގައުމު ކަމަށްވާ ސްޕޭނަށް ދިރިއުޅުން ބަދަލު ކުރުމަށެވެ.
އިނގިރޭސި މީޑިޔާތަކުން ބުނަނީ ސިޓީންއިން ހުށަހެޅި އޮފާ އަށް ލިންޑާސް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އެގްރީމަންޓްގައި ސޮއިކޮށް މި ހަފުތާގައި ނިމޭނެ ކަމަށެވެ.
ލިންޑާސް ލިވަޕޫލާގެ ކޯޗިން ޓީމާ ގުޅުނީ އެ ކުލަބުގެ ކޯޗުކަމުގައި ބްރެންޑަން ރޮޖާސް ހުއްޓައި 2014 ވަނަ އަހަރު އެވެ. އަދި ޖެހިގެން އައި އަހަރު ކްލޮޕް ކޯޗުކަމާ ހަވާލުވުމުން އޭނާއާއެކު ފެށި މަސައްކަތް ނިންމާލައި ލިވަޕޫލުން ވަކިވީ 2018 ވަނަ އަހަރު އެވެ. އެއީ ނެދަލޭންޑްސްގެ ޓީމަކަށް ކޯޗުކޮށްދޭނެ ވެގެންނެވެ. ނަމަވެސް ހަ މަސް ފަހުން އަނެއްކާ ވެސް ލިވަޕޫލާ ގުޅުނެވެ. އަދި ހުސްވި އަހަރުގެ ސީޒަނަށް ފަހު ކްލޮޕް ޓީމާ ވަކިވުމުން ލިންޑާސްގެ ވަޒީފާ ވެސް ނިމުމަކަށް އައެވެ. ލިންޑާސް އެންމެ ފަހުން ކޯޗުކޮށްދިނީ ރެޑްބުލް ސަލްސްވާގަށެވެ.
އުމުރުން 42 އަހަރުގެ ކޯޗު މިދިޔަ ޑިސެމްބަރު މަހުން ފެސިގެން ހުރީ ވަޒީފާއެއް ނެތި އެވެ. އެއީ އޮސްޓްރިއާގެ ޓީމުން އޭނާ ވަކިކުރުމުންނެވެ.