ޚަބަރު

ޕޮލެންޑްގެ އިންތިޚާބީ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި


  • އިންތިޚާބީ ރައީސަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެންނެވި

  • ޕޮލެންޑްގެ ރައްޔިތުންނަށް އަމާންކަމާއި ސުލްޙަ މަސަލަސްކަމަށް އެދިވަޑައިގެންނެވި

ޕޮލެންޑްގެ އިންތިޚާބީ ރައީސް ކާރޯލް ނަވްރޮޓްސްކީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.

ޕޮލެންޑްގެ އިންތިޚާބީ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިންތިޚާބީ ރައީސްގެ އިސްނެންގެވުމުގެ ދަށުން ޕޮލެންޑްގެ ރައްޔިތުން އެދޭ އުސްމިންތަކަށް އެ ޤައުމު ގެންގޮސްދެވޭނޭކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެ، އެމަނިކުފާނާ ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ކާރޯލް ނަވްރޮޓްސްކީ އެ ޤައުމުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. އަދި ކާރޯލް ނަވްރޮޓްސްކީއަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ޕޮލެންޑްގެ ރައްޔިތުންނަށް އަމާންކަމާއި ސުލްޙަ މަސަލަސްކަމަށް ރައީސް އެދިވަޑައިގެންނެވިއެވެ.