ޚަބަރު

ބައެއް އޮފީސްތައް އެހެން ސަރަޙައްދުތަކަށް ބަދަލުކުރެއްވުން


ފިނޭންސް މިނިސްޓްރީ ހުރި ތަނުގައި ޢިމާރާތް ކުރެއްވުމަށް ހަމަޖެހިފައިވާ 25 ބުރީގެ އޮފީސް ޢިމާރާތް ބިނާކުރެއްވުމަށްޓަކައި އެ ސަރަޙައްދުގެ ބައެއް އޮފީސްތައް އެހެން ތަންތަނަށް ބައްދަލުކުރައްވައިފިއެވެ. މިގޮތުން ބަދަލުކުރެއްވީ މީރާއާއި ފިނޭންސް މިނިސްޓްރީގެ ބައެއް ބައިތައް ހިންގަވަމުންގެންދަވާ މައި ބިލްޑިންގައި ހިންގަވާ އޮފީސްތައް ފިޔަވައި އެހެން އޮފީސްތަކާއި ފިނޭންސް މިނިސްޓްރީގެ ބައެއް ބައިތަކެވެ. މި ތަންތަން މިހާތަނަށް ހިންގެވީ، ފިނޭންސް މިނިސްޓްރީގެ ބިލްޑިންގ ހުންނަ ކޮށީގެ ތެރޭގައި ހުރި ކުރީގެ ޢިމާރާތުގައެވެ. ބަދަލުކުރެއްވި އޮފީސްތަކުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަވަމުން ގެންދަވާ ބައެއް އޮފީސްތަކާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، އެންސްޕާއާއި ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޓެކްސް އެޕީލް ޓްރައިބިއުނަލް ހިމެނެއެވެ. img:http://s4.psmnews.mv/images/660x400/4108.jpg|މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) - ފައިލް ފޮޓޯ: މީރާ

ފިނޭންސް މިނިސްޓްރީ ހިންގަމުން އަންނަ ބިމުގައި އަލަށް ޢިމާރާތްކުރައްވާ 25 ބުރީގެ އޮފީސް ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތަށް ބޭނުންވާ ސައިޓް ޤާއިމް ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ސައިޓްގެ މަސައްކަތް ނިމުމާއެކު، މިރާގެ އޮފީސް ހިންގަމުން އަންނަ ފިނޭންސް މިނިސްޓްރީގެ މައި ޢިމާރާތް ފިޔަވާ ދެން ހުރި ޢިމާރާތްތައް ތަޅާލުމުގެ މަސައްކަތް ފަށާނެއެވެ. އެ ޢިމާރާތުގައި ހިންގަމުން އަންނަ ގިނަ އޮފީސްތައް މިހާރުވެސް ވަނީ ބަދަލުކުރައްވާފައެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބައެއް އޮފީސްތަކާއި، ބައެއް ސެކްޝަންތައް ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ ވަޤްފް ބިލްޑިންގްއަށެވެ. އެ ޢިމާރާތުގެ 3 ފަންގިފިލާއެއް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ކުއްޔަށް ނަންގަވާފައެވެ. މީގެ އިތުރުން އޮފީސް ބައި ހެދުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާ ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ މއ.ދޮންވެލި ގެއަށެވެ. އެގޭ ގްރައުންޑް ފްލޯ އާއި، ފުރަތަމަ ފަންގިފިލާ ކުއްޔަށް ނެގުމަށްފަހު، މިހާރު ވަނީ އޮފީސް ސެޓަޕް ހަދާ ނިންމާފައެވެ. ޙައްޖު ކޯޕަރޭޝަނާއި، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ބަދަލު ކުރައްވާފައިވަނީ މޫކައި ސުއިޓްސްއަށެވެ.

ފިނޭންސް މިނިސްޓްރީން ހިންގަމުން އަންނަ ކޮށީގައި ހެދުމަށް ހަމަޖެހިފައިވާ 25 ބުރީގެ ޢިމާރާތަށް 123 މިލިއަން ޑޮލަރު ޚަރަދު ވާނެކަމަށް ފިނޭންސް މިނިސްޓްރީ ވިދާޅުވެއެވެ. އެ އިމާރާތް އެޅުމުގެ މަސައްކަތް ޙަވާލު ކޮށްފައިވާ މެލޭޝިއާގެ ކުންފުނިން މިތަން އިމާރާތް ކުރާނީ އެކުންފުނީގެ އަމިއްލަ ޚަރަދުގައެވެ. އަދި ފައިސާ ކޮންޓްރެކްޓަރަށް އަނބުރާ ދޭންޖެހެނީ 23 އަހަރަށް ބަހާލައިގެން ކަމަށް ފިނޭންސް މިނިސްޓްރީ ވަނީ ވިދާޅުވެފައެވެ.