ކުޅިވަރު

މާލޭގައި ސްކޭޓް ޓްރެކެއް އޮތްނަމަ އަދިވެސް ރަން މެޑެލް ގެނެވިދާނެ: ރާހިފް


ސްކޭޓަރުންނަށް ޚާއްސަކުރެވިގެން ރަނގަޅު ފެންވަރަކަށް ތަރައްގީކުރެވިފައި އޮންނަ ސްކޭޓް ޓްރެކެއް އޮންނަނަމަ އަދިވެސް އިތުރު ރަން މެޑެލް ގެނެވިދާނެ ކަމަށް އިންލައިން ސްކޭޓް ސީރީޒްގައި ވާދަކޮށް ރާއްޖެއަށް ރަން މެޑެލް ހޯދައިދިން އަޙްމަދު ރާހިފް ޝަފީއު ބުނެފިއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ރާހިފް ބުނީ އިންޑޮނޭޝިއާގައި ކުރިއަށްދިޔަ މުބާރާތަކީ ލިބުނު ރަނގަޅު ތަޖުރިބާއެއްކަމަށެވެ. އެމުބާރާތުގެ ސަބަބުން ބައިނަލްއަޤްވާމީ ކުޅުންތެރިންގެ ފެންވަރު ވަޒަންކުރެވި، އެ ސްކޭޓަރުންގެ ހުނަރުތައް ފެނި، ސްކޭޓްކުރުމުގެ އެކި ސްޓައިލްތައް ބަލާލުމުގެ ފުރުސަތު ފަހިވިކަމަށް ރާހިފް ވަނީ ބުނެފައެވެ.

"މާލޭގަ މިހާރު ސްކޭޓްގެ އެއްވެސް ޓްރެކެއްނެތް. އެކަމު އިންޝާﷲ ސްކޭޓް ޓްރެކެއް އިންނަމަ އަދިއެއްފަހަރުވެސް އަޅުގަނޑު ގެންނާނަން ގޯލްޑް މެޑަލް. އަޅުގަނޑަށް ވަރަށް ބައިވަރު އެއްޗެހި ދަސްވި. އަޅުގަނޑަށް ގިނަ ތަންތަނުން ނުފެނި ހުރި އެކި ވައްތަރުގެ ސްކޭޓްކުރާ އެކިކަހަލަ ކުދިންގެ. ކޮންމެ ކުއްޖެއްގެ ފަރާތުންވެސް ދަސްވި ކޮންމެވެސް އެއްޗެއް" މުބާރާތުގެ އެންމެ ކާމިޔާބު އެތުލީޓު ބުންޏެވެ.

މިދިޔަ މަހުގެ 23އިން 25އަށް ކުރިއަށް ދިޔަ ސްކޭޓް މުބާރާތުން ރާހިފް ރަން މެޑަލް ހާސިލްކޮށްފަވަނީ 200 މީޓަރު ފްލައިން ކެޓެގަރީންނެވެ. މީގެ އިތުރުން އޭނާ ވަނީ 500 މީޓަރު ރޭހުންނާއި، 1000 މީޓަރު ސްޕްރިންޓް ރޭހުންނާއި، 1800 މީޓަރު ރިލޭއިން ލޯ މެޑެލް ހާސިލުކޮށް ޖުމްލަ ހަތަރު މެޑަލާއެކު، މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރި ޓީމުގެ އެންމެ ގިނަ މެޑަލް ހޯދި އެތުލީޓުގެ ޝަރަފު ހޯދާފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ސްކޭޓްގެ އުންމީދީ ތަރި ބުނީ މިކާމިޔާބީއަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތްކަމަށެވެ. މިގޮތުން މުބާރާތަށް ކުދިން ތައްޔާރުކުރުމުގައި ދެ ކޯޗުން ކޮށްދެއްވި ބުރަ މަސައްކަތް ބަލައިގަންނަކަމަށް އޭނާ ފާހަގަކުރިއެވެ. އޭގެ އިތުރުން އާއިލާއާ މިކަމަށް އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ރާހިފްވަނީ ޝުކުރުއަދާކޮށްފައެވެ.

މިމުބާރާތަކީ ރާއްޖެއިން މުޅިން އަލަށް ބައިވެރިވި މުބާރާތެކެވެ. ސްކޭޓް މޯލްޑިވްސްގެ ފަރާތުން ޖުމްލަ 19 ކުއްޖަކު މި މުބާރާތުގައި ވާދަކޮށް 10 މެޑަލްވަނީ ރާއްޖެއަށް ގެނެސްދީފައެވެ. ރާހިފްގެ އިތުރުން ދެން މިމުބާރާތުން މެޑަލް ހޯދި އެތުލީޓުންގެ ތެރޭގައި 14 އަހަރުން ދަށުގެ އަންހެންކުދިންގެ ކެޓެގަރީގައި ވާދަކޮށް ރިހި މެޑަލް ހޯދި އާރާ އަބްދުﷲ ރިފްއަތު ހިމެނެއެވެ. އޭނާ ރިހި މެޑަލް ކަށަވަރުކޮށްފަވަނީ 1800 މީޓަރު އެލިމިނޭޝަން ކެޓެގަރީގައި ވާދަކޮށެވެ.

މީގެ އިތުރުން 9 އަހަރުން ދަށުގެ އަންހެން ބައިގެ 1000 މީޓަރު ސްޕްރިންޓް ކެޓެގަރީން އައިޝަތު ޓިއާ އައިމަން ލޯ މެޑެލް ހާސިލުކުރިއިރު، 11 އަހަރުން ދަށުން އަންހެން ބައިގެ 1800 މީޓަރު ރިލޭއިން ރާއްޖޭގެ ޓީމަށް ވަނީ ލޯ މެޑަލެއް ލިބިފައެވެ. މިޓީމުގައި ހިމެނުނީ ސާޝާ ސުލާސް އާއި، އާމިނަތު ކައިލީން ސަހުލަމް އަދި ޒާޔާ މުޙައްމަދު އުމަރެވެ.

މި މުބާރާތުގެ 14 އަހަރާއި 17 އަހަރާ ދެމެދުގެ ޖޫނިއަރ އަންހެން ގްރޫޕުގެ 100 މީޓަރު ސްޕްރިންޓް ކެޓެގަރީން ރާއްޖޭގެ އެމާ ގެރިނީ އަބްދުﷲ ރަޝީދު ލޯ މެޑެލް ހާސިލުކުރިއިރު، 14 އަހަރުން ދަށުގެ ފިރިހެން ބައިން އަޙްމަދު އަރީން މުޙައްމަދު ވަނީ ތިން ލޯ މެޑެލް ހޯދާފައެވެ. އެއީ 200 މީޓަރު ފްލައިން ކެޓެގަރީންނާއި، 1000 މީޓަރު ސްޕްރިންޓް އަދި 1800 މީޓަރު ރިލޭގައި ވާދަކޮށެވެ.

އިންޑޮނޭޝިއާގައި ކުރިއަށްދިޔަ މި މުބާރާތުގައި ފަސް ގައުމަކުން 700އަށްވުރެ ގިން ސްކޭޓަރުންވަނީ ވާދަކޮށްފައެވެ.