ޚަބަރު

މާލޭގެ 13 ސްކޫލަކުން 195 ދަރިވަރުން ކެޑޭޓް ހަރަކާތާއި ގުޅިއްޖެ


މާލޭގެ 13 ސްކޫލަކުން، 195 ދަރިވަރުން މިއަހަރު ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯ އާ އަލަށް ގުޅިއްޖެއެވެ.

ޤައުމީ ކެޑޭޓްކޯ އާ އަލަށް ގުޅުނު ޖޫނިއަރ ކެޑޭޓުން ހުވާކުރުމާއި، އިޤުރާރުވުމުގެ ރަސްމިއްޔާތު މިއަދު ވަނީ ހިރިޔާ ސްކޫލުގައި ބާއްވަވާފައެވެ. img:http://s4.psmnews.mv/images/660x400/14692900786667.jpg|ޖޫނިއަރ ކެޑޭޓުން ހުވާ ކުރުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ޤައުމީ ކެޑޭޓްކޯ އާ މިއަހަރު އަލަށް ގުޅުނު ޖޫނިއަރ ކެޑޭޓުން އިޤުރާރުވުމުގެ ރަސްމިއްޔާތުގައި، އެކުދިންނަށް ކެޑޭޓްކަމުގެ ހުވާލައިދެއްވީ، އައްޝައިޚް ޢިއްޒުއްދީން ޢަދްނާނެވެ. ދަރިވަރުންނަށް ހުވާލައިދެއްވުމުގެ ކުރިން އައްޝައިޚް ޢިއްޒުއްދީން ޢަދްނާން ވަނީ ހުވާކުރުމުގައި ދީނީގޮތުން ސަމާލުވާންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވާފައެވެ. އެގޮތުން އެމީހެއްގެ ދުލުން އިޤުރާރުވާ އިޤުރާރުވުމާ އެއްގޮތަށް، ޢަމަލުން އެކަން ދެއްކުމަކީ އެމީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި، އެކަން އެގޮތަށް ނުކުރެވިއްޖެނަމަ ދެން ދީނުގައި ޢަމަލުކުރުމަށް އަންގަވާފައިވާ ގޮތްތަކާ ގުޅޭގޮތުން ޝައިޚް ވަނީ ދަރިވަރުންނަށް މަޢުލޫމާތު ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ދަރިވަރުންނަށް ކެޑޭޓްކަމުގެ ހުވާ ލައިދެއްވުމުގެ އިތުރުން، ދަރިވަރުން ވަނީ ކެޑޭޓްކަމުގެ ޢަޒުމް ކިޔާފައެވެ. img:http://s1.psmnews.mv/images/660x400/14692900664821.jpg|ޖޫނިއަރ ކެޑޭޓުން ހުވާ ކުރުން - ފޮޓޯ: ޕީއެސްއެމް ނިއުސް

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، އެޑިއުކޭޝަން މިނިސްޓްރީގެ ޑިވެލޮޕްމަންޓް އޮފިސަރ އިބްރާހީމް އާސިފް ރަޝީދު ވަނީ ސްކޫލް މާޙައުލުގައި އުޅޭއިރު ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ރިވެތި އަޚްލާޤީ ސިފަތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އާސިފް ވިދާޅުވީ، ދަރިވަރުން ކިބައިގައި ރަނގަޅު އަޚްލާޤެއް އަށަގެންނެވުމުގައި ޔުނިފޯމް ޙްރަކާތްތައް އިސްދައުރެއް އަދާކުރާ ކަމަށެވެ. އަދި ސްކޫލްތަކުގައި ހިންގޭ މިފަދަ ޙަރަކާތްތަކުގެ ސަބަބުން، ޢިލްމީ މަޢުލޫމާތު ލިބި، މުޖުތަމަޢުގައި ހިނގާ މުހިއްމު ކަންކަމާމެދު ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެހީތެރިވާކަމުގައި އާސިފް ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14692901824019.jpg|ޖޫނިއަރ ކެޑޭޓުން ހުވާ ކުރުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ފަރާތުން ވާހަކަދައްކަވަމުން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ކާރނަލް އަޙްމަދު އިޝާން ވިދާޅުވީ، އެހެން އަހަރުތަކާ ޚިލާފަށް، މިއަހަރު ކެޑޭޓް ޙަރަކާތް މެދުވެރިކޮށް، ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް، އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު ޚާއްޞަ ކަންތައްތަކެއް ކުރެއްވުމަށް ރާއްވަވާފައިވާ ކަމަށެވެ. އަދި މި ޙަރަކާތްތައް މާލެއެކޭ އެއްފަދައިން، އަތޮޅުތަކުގެ ސްކޫލުތަކުގައިވެސް ހިންގެވުމަށް ހަމަޖެހިފައިވާ ކަމަށް އިޝާން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ނަމުގައި ރާއްޖޭގައި ކެޑޭޓް ޙަރަކާތްތައް ރަސްމީގޮތުން ފަށްޓަވާފައިވަނީ 1995 ވަނަ އަހަރުގެ ޖުލައި 25 ގައެވެ. ޤައުމީ ކެޑޭޓް ކޯއާ އަލަށް ގުޅުނު ޖޫނިއަރ ކެޑޭޓުން އިޤްރާރުވުމުގެ ރަސްމިއްޔާތު ނިންމަވާލައްވާފައިވަނީ އެކި ސްކޫލަތުގެ ބޭންޑްތަކުން ހުށައަޅައިދިން ހިތްގައިމު ޙަރަކާތަކުންނެވެ.