ޚަބަރު

ޒަމާނީ ހަތިޔާރާއެކު، ކަނޑުގެ 5 އުޅަނދު ގެންނަނީ


ދިވެހި ޢަސްކަރިއްޔާގެ ކޯސްޓްގާރޑް ފްލީޓް ވަރުގަދަކުރައްވައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު މޮނިޓަރ ކުރެއްވުމަށްޓަކައި، ޒަމާނީ ހަތިޔާރު ޤާއިމްވެފައިވާ، ފަސް އުޅަނދެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. 

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރ ވިދާޅުވީ، އެ އުޅަނދުތައް ބަނުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ ސްރީލަންކާގައި ކަމަށާއި، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އެ އުޅަނދުތައް ލިބޭނެ ކަމަށެވެ. އުޅަނދުތަކުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް އިޝާރަތްކުރައްވައި، ދެ އުޅަނދެއްގެ އޮނިގަނޑުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި އުޅަނދުތައް ގެނައުމުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14692894397759.jpg|އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް- ފައިލް ފޮޓޯ: އެމްއެންޑީއެފް

"ދެ އުޅަނދެއްގެ އޮނިގަނޑުގެ މަސައްކަތް ނިމިފައިވާއިރު، ތިން ވަނަ އުޅަނދުގެ މަސައްކަތްވެސް މި މަހުގެ ނިޔަލަށް ނިމޭނެ. އެ ފަސް އުޅަނދު ނިންމުމަށްފަހު، ޑިސެމްބަރު މަހުގެ ނިޔަލަށް މިކޮޅަށް ފޯރާނެ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް މޮނިޓަރ ކުރުމުގެ ތެރެއިން، ކަނޑުގެ ސަރަޙައްދުގައި ކުރިމަތިވާ ހިތާމަވެރި ހާދިސާތަކަށް އެޓެންޑް ކުރުމުގައި މި އުޅަނދުތަކުގެ ދައުރު ވަރަށް ބޮޑުވާނެ. މަސްވެރިކަމަށްދާ އުޅަނދުތައްވެސް މޮނިޓަރ ކުރެވޭނެ. ޚާއްސަަކޮށް ދިފާއީގޮތުން ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް މިއީ." ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ. 

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓެވުމަށް ރާއްޖޭގެ ދިހަ ސަރަޙައްދެއްގައި ކުރިއަށްގެންދަވާ ރާޑަރުތަކުގެ ތަފްސީލްވެސް މިނިސްޓަރ ޙިއްސާކުރެއްވިއެވެ. މިއީ އިންޑިޔާ ސަރުކާރުގެ އެހީގައި ޤާއިމްކުރައްވާ ރާޑަރުތަކެކެވެ. މި ރާޑަރުތައް ހަރުކުރައްވައި ނިމުމުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ބެލެހެއްޓުމުގެ ޤާބިލްކަން ދިވެހި ޢަސްކަރިއްޔާއަށް ލިބިގެންދާނެއެވެ. 

"ޖުމްލަ 10 ރާޑަރު ހަރުކުރާއިރު، އޭގެ ތެރެއިން 3 ރާޑަރު މިހާރުވެސް ވަނި ހަރުކުރެވިފަ. އަނެއް 7 ރާޑަރު ހަރުކުރާނެ ރަށްތައް ކަނޑައެޅިފައިވާއިރު، އެ ރާޑަރުތައް ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. ރާޑަރުތައް ހަރުކުރުން، ރާއްޖޭގެ ކަނޑުގެ ސަރަޙަައްދަށް ވަދެ ނިކުމެވާ އެެހެން ޤައުމުތަކުގެ އުޅަނދުތައް ހޯދާ، އެކަން ހުއްޓުވިގެންދާނެ. އަދި މިއީ މުޅި ރާއްޖެ ކަވަރ ކުރެވޭފަދަ ނިޒާމެއް " މިނިސްޓަރ ވިދާޅުވިއެވެ.