ޚަބަރު

ނޭޕާލާއި އަޔަލެންޑް އަދި ޔޫކްރޭނަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމުގެ މައްސަލަ ކޮމިޓީއަށް


  • ނޭޕާލްގައި ހުންނަވާ ނޮންރެޒިޑަންޓް ސަފީރުކަމަށް އައިޝަތު އަޒީމާ

  • އަޔަލޭންޑްގައި ހުންނަވާ ނޮންރެޒިޑަންޓް ސަފީރުކަމަށް އިރުތިޝާމް އާދަމް

  • ޔޫކްރެއިންގައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް ގީލާ އަލީ

ދިވެހިރާއްޖޭން ނޭޕާލާއި އަޔަރލެންޑް އަދި ޔޫކްރޭނަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

އެކި ޤައުމުތަކަށް ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވަނީ ސަފީރުންގެ ގޮތުގައި މިހާރުވެސް ތިއްބަވާ ބޭފުޅުންގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ، ނޭޕާލަށް ކަނޑައަޅާ ނޮންރެޒިޑަންޓް ސަފީރުކަމަށް އައްޔަން ކުރެއްވުމަށެވެ. އަދި އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް، އަޔަލޭންޑަށް ކަނޑައަޅާ ނޮންރެޒިޑަންޓް ސަފީރުކަމަށް އައްޔަން ކުރެއްވުމަށެވެ.

މީގެއިތުރުން ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ، ޔޫކްރެއިންއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް އައްޔަން ކުރެއްވުމަށްވެސް ރައީސް ވަނީ ފޮނުއްވާފައެވެ.

ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނަންތައް ދިރާސާކުރުމަށްފަހު މަޖިލީހުގައި ނަގާ ވޯޓަކުންނެވެ.