ތަޢުލީމު

އައު މަންހަޖުގައި ބޭނުންކުރައްވާނެ ފޮތްތައް ލިޔުމުގެ މަސައްކަތް


މިހާރު ތަންފީޒުކުރަމުންއަންނަ، އައު މަންޙަޖުގައި، އަންނަ އަހަރު ތަންފީޒުކުރައްވާ ގްރޭޑްތަކުގެ ފޮތްތައް ލިޔުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ތަންފީޒުކުރެއްވުމަށް ހަމަޖެހިފައިވަނީ ކީ-ސްޓޭޖް 3 އެވެ. މިސްޓޭޖްގައި ހިމެނެނީ ގްރޭޑް 7 އަދި 8 އެވެ.

އަލަށް އެކުލަވާލައްވާފައިވާ ޤައުމީ މަންހަޖުގައި މަދަރުސީ ތަޢުލީމުގެ މަރުޙަލާތައް 4 ބަޔަކަށް ވަނީ ބައްސަވާލައްވާފައެވެ. އެއީ ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާގެ ބައިގައި، ޕްރީސްކޫލް، ފަށާ ތަޢުލީމުގެ މަރުޙަލާގެ ބައިގައި، ކީ ސްޓޭޖް 1 ގައި ގްރޭޑް 1 އިން 3 އަށް، އަދި މިމަރުޙަލާގައި ކީސްޓޭޖް 2 ގައި ގްރޭޑް 4،5،6 ކަނޑައަޅާފައިވާއިރު، ދަށު ސާނަވީ މަރުޙަލާގެ ބައިގައި ކީ ސްޓޭޖް 3 ގައި ގްރޭޑް 7، އަދި 8، އަދި ކީސްޓޭޖް 4ގައި ގްރޭޑް 9، 10 އެވެ. މަންހަޖުގައި މަތީ ސާނަވީ މަރުޙަލާގައި ކީ ސްޓޭޖް 5 ގައި ހިމެނެނީ ގްރޭޑް 11 އަދި 12 އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޔޫސުފް ވިދާޅުވީ، ފޮތްތައް ލިޔުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށާއި، މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ފޮތްތައް ޗާޕްކުރައްވައި ނިންމެވުމަށް އަމާޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އައު މަންހަޖާއެކު އަލަށް ތަޢާރަފްކުރެވޭ މާއްދާގެ ގޮތުގައި ގްރޭޑް 7 އަށް ވިޔަފާރީގެ ހުރިހާ ބައިތަކެއް އެކުލެވޭ މާއްދާއެއްގެ ގޮތަށް ބިޒްނަސް ސްޓަޑީޒް ތަޢާރަފް ކުރެވިގެންދާނެ ކަމަށް އަޙްމަދު ޔޫސުފް ވިދާޅުވިއެވެ. އަދި ސައިންސްގެ ހުރިހާ މާއްދާތަކެއް ހިމެނޭ ސައިންސްގެ މާއްދާއެއް ކިޔަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ދަރިވަރުންނާއި ބެލެނިވެރިންނަށް މި ސްޓްރީމްތައް އިޚްތިޔާރު ކުރުމުގައި އެދާއިރާތައް އެނގިގެން ކަނޑައެޅޭނެގޮތް ހެއްދެވުމުގެ ގޮތުން ކަމަށް އައު މަންހަޖުގައި ކަނޑައަޅުއްވާފައިވާ ގޮތެއް ކަމަށެވެ.

އައު މަންހަޖާއެކު ގްރޭޑް 7 އަދި 8 ގައި ކިޔެވުމަށްފަހު އޯލެވެލްއަށް ތައްޔާރުވުމަށް ދަރިވަރުންނަށް ސްޓްރީމްތައް އިޚްތިޔާރުކުރަން ޖެހޭނީ ގްރޭޑް 9 އިން ފެށިގެންނެވެ. އޯލެވެލްއަކީ 2 އަހަރު މުއްދަތުގެ ސިލަބަހެއް ކަމަށްވުމާއެކު ގްރޭޑް 9 އަދި 10 ގައި އޯލެވެލް ނިންމުމުގައި ދަތިތަކެއް ދިމާނުވާނެ ކަމަށް އެންއައިއީ އިން ވިދާޅުވެއެވެ.

އަންނަ އަހަރު މަންހަޖު ތަންފީޒު ކުރެއްވުމަށްޓަކައި މި ގްރޭޑްތަކަށް އެމްބެސެޑަރުން އަހުލުވެރި ކުރެއްވުމުގެ ބައްދަލުވުންތައް އެންއައިއީ އިން ވަނީ ފަށްޓަވާފައެވެ. މި ތަމްރީނު ޕްރޮގްރާމްތައް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމެވުމަށް ކަނޑައަޅުއްވާފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ވޭތުވެދިޔަ 2 އަހަރުން ފެށިގެން ކީސްޓޭޖް 1 އަދި 2 ވަނީ ތަންފީޒުކުރަން ފަށްޓަވާފައެވެ. އަހަރުތަކަށް ބައްސަވާލައްވައިގެން މަންހަޖު ތަންފީޒުކުރައްވައި ނިންމެވުމަށް ކަނޑައަޅުއްވާފައިވަނީ 2018 ވަނަ އަހަރުގެ ނިޔަލަށެވެ.