މި މަހުގެ 23 އިން 25 އަށް އިންޑޮނޭޝިއާގައި ބޭއްވި އިންލައިން ސްކޭޓް ސީރީޒްގައި ވާދަކޮށް ރާއްޖޭގެ ސްކޭޓަރުން ހޯދި ބޮޑު ކާމިޔާބީގައި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ ހިއްސާ ބޮޑު ކަމަށް ސްކޭޓް މޯލްޑިވްސްގެ ރައީސް މުޙައްމަދު ހާނިމް ވިދާޅުވެއްޖެއެވެ.
ދިވެހި ސްކޭޓަރުން ހޯދި ކާމިޔާބީއާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހާނިމް ވިދާޅުވީ އެފަދަ ބޮޑު މުބާރާތެއްގައި ވާދަކޮށް ދިވެހި ސްކޭޓަރުން ހޯދި ފުރިހަމަ ކާމިޔާބީއަކީ ގިނަބައެއްގެ ހިއްސާ އޭގައި ހިމެނޭކަމެއްކަމަށެވެ. މިގޮތުން އެކުދިން ތަމްރީނުކުރުމުގައި މަސައްކަތްކޮށްދެއްވި ދެ ކޯޗުންނާ، ބެލެނިވެރިންނާ މީގެ އިތުރުން ކުޅިވަރު ވުޒާރާ އާއި ވަކިން ޚާއްސަކޮށް ކުޅިވަރު ވަޒީރު ދެއްވި އެއްބާރުލުން ފާހަގަކުރަންޖެހޭކަމަށް ހާނިމް ވިދާޅުވިއެވެ.
ރާއްޖެއިން މުޅިން އަލަށް ވާދަކުރި އިންލައިން ސްކޭޓް ސީރީޒްގައި ފަސްގައުމަކުން 545 ސްކޭޓަރުން ވާދަކޮށްފަވެއެވެ. އޭގެ ތެރޭގައި މުބާރާތް ކުރިއަށްދިޔަ އިންޑޮނޭޝިއާގެ 27 ކުލަބަކުން ގިނަ އަދަދަކަށް ސްކޭޓަރުންވަނީ ވާދަކޮށްފަވެއެވެ.
މިމުބާރާތުގައި ރާއްޖޭގެ 19 ކުއްޖަކު ވާދަކޮށް 10 މެޑެލް ހޯދުމާ ގުޅިގެން ހާނިމް ވިދާޅުވީ އެއީ ދުރާލާ ކުރެވުނު މަސައްކަތަށް ލިބުނު ފޮނިކާމީޔާބީއެއްކަމަށެވެ. މުބާރާތާ ކުރިމަތިލީ އުންމީދުތަކަކާއެކު ކަމަށާ، އެހެންނަމަވެސް ހާސިލްކުރެވުނީ އުންމީދުކުރިވަރަށްވުރެ މާ ރަނގަޅު ނަތީޖާއެއްކަމަށް ހާނިމް ފާހަގަކުރެއްވިއެވެ.
"ދެން ކީކޭ ދަންނަވާނީ، އަޅުގަނަޑުމެން ކުރަމުން އައި މަސައްކަތުގެ ވަރަށް ފޮނި ކާމިޔާބީއެކޭ ދެންނެވޭނީ. އަޅުގަނޑު މާލޭން ފުރަމުންވެސް ދެންނެވިން އަޅުގަނޑުމެންގެ އުންމީދުތަކެއް އެބަހުއްޓޭ. ދެން އެކްސްޕެކްޓެއް ނުކުރަން މިވަރުގެ ބޮޑު ކާމިޔާބީއަކަށް. އެހެންނަމަވެސް އަޅުގަނޑުމެން އަމާޒެއް ކަނޑައަޅައިގެން އަޅުގަނޑުމެން ދިޔައީ" ހާނިމް ވިދާޅުވިއެވެ.
މުބާރާތާ ކުރިމަތިލިއިރުވެސް އަމާޒެއް އޮތްކަމަށާ، ކުދިންގެ ފެންވަރަށް ބެލުމަށްފަހު އޭރުގެ އަމާޒަކަށްވީ ޖުމްލަ ހަތަރު މެޑަލްކަމަށް ހާނިމް ފާހަގަކުރެއްވިއެވެ. އޭރު ކަނޑައެޅި އަމާޒުގައި ރަންމެޑައްޔެއް ނުވެސް ހިމެނޭކަމަށް ހާނިމްވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ރާއްޖޭގެ ސްކޭޓަރުންނަކީ ހުނަރުވެރި ކުދިބައެއްކަމަށާ، އެކުދިންގެ ޓައިމިންއަށް ބެލުމަށްފަހު ބައިވެރިކުރެވުނު އިވެންޓުތަކުގެ ސަބަބުން ހީވެސްނުކުރާވަރުގެ ކާމިޔާބީއެއް ގައުމަށް ހޯދައިދެވިއްޖެކަމަށް ހާނިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެކްސްޕެކްޓުކުރީ ހަތަރު މެޑަލް އިނގޭތޯ. އެވެސް ގޯލްޑެއްގެ ވިސްނުމެއްނެތް، ހުރިހާ ކުދިންގެ ފެންވަރެއް އަޅުގަނޑުމެންނަކަށް ނޭނގެ. އެހެންނަމަވެސް އަޅުގަނޑުމެން ކުދިންގެ ފެންވަރަށް ބަލާފަ ކުދިން ކަނޑައަޅާފަ، ލާފަ ތިބި އިވެންޓުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ނަތީޖާތައް އެހާ ރަނގަޅުކޮށް ނެރެވުނީ" ހާނިމް ވިދާޅުވިއެވެ.
އިންލައިން ސްކޭޓް ސީރީޒްގައި ރާއްޖެ ތަމްސީލުކުރި ޓީމުން ވަނީ ރާއްޖެއަށް ރަން މެޑެއްޔަކާ، ރިހި މެޑައްޔެއްގެ އިތުރުން އަށް ލޯ މެޑަލް ގެނެސްދީފައެވެ.
މި މުބާރާތުން ރަން މެޑެލް ހޯދީ 14 އަހަރުން ދަށުގެ ފިރިހެން ބައިން އަޙްމަދު ރާހިފް ޝަފީއުއެވެ. އޭނާ ރަން މެޑެލް ހާސިލުކޮށްފައިވަނީ 200 މީޓަރު ފްލައިން ކެޓެގަރީންނެވެ. މީގެ އިތުރުން އޭނާ ވަނީ 500 މީޓަރު ރޭހުންނާއި، 1000 މީޓަރު ސްޕްރިންޓް ރޭހުންނާއި، 1800 މީޓަރު ރިލޭއިން ލޯ މެޑެލް ހާސިލުކޮށް މިމުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމުން އެންމެ ގިނަ މެޑަލް ހާސިލްކުރި ސްކޭޓަރުގެ ޝަރަފު ހޯދާފައެވެ. މި މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ބައިން އާރާ އަބްދުﷲ ރިފްއަތު ރިހި މެޑަލް ކަށަވަރުކޮށްފަވާއިރު، އޭނާ ވާދަކޮށްފަވަނީ 1800 މީޓަރު އެލިމިނޭޝަން ކެޓެގަރީގައެވެ.
މީގެ އިތުރުން 9 އަހަރުން ދަށުގެ އަންހެން ބައިގެ 1000 މީޓަރު ސްޕްރިންޓް ކެޓެގަރީން އައިޝަތު ޓިއާ އައިމަން ލޯ މެޑެލް ހާސިލުކުރިއިރު، 11 އަހަރުން ދަށުން އަންހެން ބައިގެ 1800 މީޓަރު ރިލޭއިން ރާއްޖޭގެ ޓީމަށް ވަނީ ލޯ މެޑަލެއް ލިބިފައެވެ. މިޓީމުގައި ހިމެނުނީ ސާޝާ ސުލާސް އާއި، އާމިނަތު ކައިލީން ސަހުލަމް އަދި ޒާޔާ މުޙައްމަދު އުމަރެވެ.
މި މުބާރާތުގެ 14 އަހަރާއި 17 އަހަރާ ދެމެދުގެ ޖޫނިއަރ އަންހެން ގްރޫޕުގެ 100 މީޓަރު ސްޕްރިންޓް ކެޓެގަރީން ރާއްޖޭގެ އެމާ ގެރިނީ އަބްދުﷲ ރަޝީދު ލޯ މެޑެލް ހާސިލުކުރިއިރު، 14 އަހަރުން ދަށުގެ ފިރިހެން ބައިން އަޙްމަދު އަރީން މުޙައްމަދު ވަނީ ތިން ލޯ މެޑެލް ހޯދާފައެވެ. އެއީ 200 މީޓަރު ފްލައިން ކެޓެގަރީންނާއި، 1000 މީޓަރު ސްޕްރިންޓް އަދި 1800 މީޓަރު ރިލޭގައި ވާދަކޮށެވެ.