ކުޅިވަރު

ކުރިއަށް އޮތް މެޗުތަކަށް ކުރާ އުއްމީދު ބޮޑު: އައިހަމް


ނިމިދިޔަ އެފްއޭއެމް ލީގު ކަޕާއި، މި މަހުގެ ފަސްވަނަ ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅުމަށް ތާވަލުކޮށްފަވާ އެކުވެރިކަމުގެ މެޗަކީ ކުރިއަށް އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށް ގައުމީ ޓީމުގެ އުއްމީދީ ކުޅުންތެރިޔާ އަޙްމަދު އައިހަމް ބުނެފިއެވެ.

ލީގު ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ ކުރިއަށް އޮތް ދެމެޗާ ދޭތެރޭ ކުރާ އުންމީދު ބޮޑުކަމަށެވެ. ގައުމީ ޓީމުގެ ފަރިތަކުރުންތައްވެސް ދާގޮތާ ދޭތެރޭ އޭނާހުރީ ހިތްހަމަޖެހިގެންކަމަށާ، ނިމިދިޔަ އެފްއޭއެމް ލީގު ކަޕުގެ ސަބަބުން ކުރިއަށްހުރި މެޗުތަކަށް ވަރަށް ރަނގަޅު އަސަރެއްކުރާނެކަމަށް އޭނާ ގަބޫލުކުރާކަމަށް އައިހަމް ފާހަގަކުރިއެވެ.

"ޓީމުގެ ޓްރެއިނިންގެ ކަންތައްތައް ދަނީ ހަމަ ވަރަށް ރަނގަޅަށް. ރަނގަޅު މުބާރާތެއް ކުޅެފަ އައިމަ، މިތިބީ ވަރަށް ބޮޑަށް ބުނަންޏާ ހިއްލާލާފަ. ވަރަށް ސަޅިކޮށްދަނީ ޕްރެކްޓިސްތައް" އެފްއޭއެމް ލީގުކަޕުގެ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް ހިއްލާލި އައިހަމް ބުންޏެވެ.

ނިމިދިޔަ އެފްއޭއެމް ލީގު ކަޕަށް އިޝާރާތްކުރަމުން އައިހަމް ބުނީ އެފަދަ މުބާރާތްތައް ކުޅެން ލިބުމަކީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އެފަދަ މުބާރާތްތަކުގެ ސަބަބުން އިތުރު ތަމްރީނުތައް ލިބި، ކުޅުންތެރިންގެ ބުންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް ބާރަކަށްވެގެންދާކަމަށް ލީގު ކަޕު މާޒިޔާއަށް ހޯދަދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ ބުންޏެވެ.

"މީހަމަ ފިޓްނެސްއަށް ބެލިޔަސްވެސް ހަމަ އަނެއްހެން ވަރަށް އެޑްވާންޓޭޖްކަމެއް ކަންނޭނގެ ރަނގަޅު މުބާރާތެއް ކުޅެލާފަ، ރަނގަޅު މެޗުތަކެއް ކުޅެފަ މިދަނީ. އަދި އޭގެ އިތުރުން ރަނގަޅު ފްރެންޑްލީއެއްވެސް ކުޅެފަ މިދަނީ. ހަމަ މެޗަށް މީގެ އަސަރު ރަނގަޅު ގޮތަކަށް ކުރާނެކަމަށް މިބެލެވެނީ" އައިހަމް ބުންޏެވެ.

މިމަހުގެ 10ވަނަ ދުވަހު އޮސްޓްރޭލިއާގައި ކުޅޭ އޭޝިއަން ކަޕު ކޮލިފައިން މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ވާދަކުރުމަށް ގައުމީ ޓީމުން ތައްޔާރުވަމުން އަންނައިރު އައިހަމް ބުނީ އުންމީދަކީ އެމެޗު ކާމިޔާބުކޮށް ހޯމް މެޗުތަކުގެ ނަތީޖާވެސް ރަނގަޅުކޮށް ދެވަނަ ބުރުން ޖާގައެއް ކަށަވަރުކުރުންކަމަށެވެ.

އަދި އޭޝިއަން ކަޕު ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުތުމުގެ ކުރިން މިމަހުގެ ފަސްވަނަ ދުވަހު ސިންގަޕޫރުގައި އެގައުމާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށްވެސް ގައުމީ ޓީމުން އަންނަނީ ރަނގަޅަށް ތައްޔާރުވަމުންކަމަށް އޭނާ ފާހަގަކުރިއެވެ. އައިހަމް ބުނީ އޭޝިއަން ކަޕު ކޮލިފައިން މެޗުގެ ކުރިން ސިންގަޕޫރުގައި އެގައުމާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެލަން ލިބުމަކީ އޭނާ ދެކޭ ގޮތުގައި ގައުމީ ޓީމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ.

"ޓީމުގެ ޓާގެޓަކީ ހަމަ މޮޅުވުން. އެމެޗު ހަމަ ނަގައިގެން ހޯމް މެޗުތަކުގަ ރަނގަޅު ނަތީޖާ ނެރެގެން ދެވަނަ ބުރަށް ދިއުން ޓާގެޓަކީ" އޭޝިއަން ކަޕު ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު މެޗުގައި މޮޅުކުޅުމެއްދެއްކި ކުޅުންތެރިޔާ ބުންޏެވެ.