ތަރައްްޤީ

ޕީއެސްއެމްއިން ޢަރަބިބަހުން ކުއިޒެއް ބާއްވަނީ


ރާއްޖޭގައި ޢަރަބި ބަސް ކުރިއެރުވުމަށްޓަކައި ޕަބްލިސް ސަރވިސް މީޑިއާ ޕީއެސްއެމްއިން އަރަބި ބަހުން ކުއިޒެއް ބޭއްވުމަށް ނިންމައިފިއެވެ.

މިކަން އިޢުލާން ކުރައްވާފައިވަނީ ޕަބްލިސް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ބޭއްވި ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކްރާމް ވިދާޅުވީ އަރަބި ބަހުން ގެނެސްދޭ ކުއިޒް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އަންނަ ހިޖުރީ އާ އަހަރު ފެށުމާއި ދިމާކޮށް ޕީއެސްއެމްއިން އިފްތިތާޙުކުރުމަށް ތައްޔާރުވަމުންދާ ދީނީ ޗެނަލުން ކަމަށެވެ. އަދި ޕީއެސްއެމްގެ ދީނީ ޓީވީ ޗެނަލް ލޯންޗް ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް އެބަދާކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ ޕީއެސްއެމްގެ ޗެނަލްތަކަށް ބޭނުންވާ ޕްރޮގްރާމްތައް އުފެއްދެވުމުގައި ބޭރުގެ ބައެއް ފަރާތްތަކުގެ އެހީ ހޯއްދަވާނެކަމަށާއި މިގޮތުން އަރަބި ޕްރޮގްރާމްތައް ތައްޔާރުކުރުމަށްޓަކައި ސައުދީ އެމްބަސީ އާއިއެކު މަޝްވަރާކުރައްވާނެކަމަށް އިކުރާމް ވިދާޅުވިއެވެ.

ދީނީ ކަންތައްތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވާއި އަހުލުވެރިކުރުމަށްޓަކައި ޕީއެސްއެން އިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޕީއެސްއެމްގެ ދީނީ ރޭޑިއޯ ޗެނަލެއް އުފައްދާ އެ ޗެނަލްގެ ހިދުމަތް މިދިޔަ އަހަރު ފަށާފައިވެއެވެ. މީގެ އިތުރުން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ޤުރުއާން މުބާރާތްވެސް މިއަހަރުގެ ރޯދަމަހު ޕީއެސްއެމްއިން ކުރިއަށްގެންދަވާފައިވެއެވެ.