ތިމާވެށި

ޓްރެވަލް ލައިފް ގޯލްޑް އެވޯޑް ސައުތު އަރިއެޓޯލް މޯލްޑިވްސްއަށް


ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރާ ފަރާތްތަކަށްދޭ "ޓްރެވަލް ލައިފް ގޯލްޑް އެވޯޑް" ސެޓްފިކެޓް ސައުތު އަރިއެޓޯލް މޯލްޑިވްސް ރިސޯޓަށް ލިބިއްޖެއެވެ.

މި ސެޓްފިކެޓަކީ ޓްރެވަލް ލައިފުން ކަނޑައަޅާ 150 ކްރައިޓީރިއާއެއް ފުރިހަމަކުރުމުން ލިބޭ ސެޓްފިކެޓެކެވެ. ޓްރެވަލް ލައިފުން ކަނޑައަޅާ ކްރައިޓީރިއާތަކުގެ ތެރޭގައި ތިމާވެށި ޙިމާޔަތްކުރުމުގެ ގޮތުން ހަރުދަނާ ގޮތެއްގައި ކުނި މެނޭޖްކުރުމާއި، ކަރަންޓް ޚަރަދު ކުޑަކުރުމާއި، މުޖުތަމައުޢާ ގުޅިގެން މަސައްކަތް ކުރުމާއި މުވައްޒަފުންގެ ލާބަޔަށް މަސައްކަތްކުރުން ހިމެނެއެވެ.

ސައުތު އަރި އެޓޯލް މޯލްޑިވްސް ރިސޯޓާ ގުޅޭގޮތުން ޓްރެވަލް ލައިފުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އެ ރިސޯޓްގައި ހިންގާ ކަރބޮން އޮފް ސެޓިން ޕްރޮގްރާމާއި، ފެހުރިހި ދިރުވައި އާލާކުރުމާއި، މޫދުގެ ދިރުން ޙިމާޔަތްކުރުމަށް ހިންގާ ޕްރޮގްރާމް ހިމެނެއެވެ. އަދި އެ ރިސޯޓުގައި ބޭނުންކުރާ ކަރަންޓް ޚަރަދު ކުޑަކުރުމުގެ އުޞޫލުތަކާއި، ކުނި މަދުކުރުމަށް ކުރާ މަސައްކަތްތަކާއި ރިސޯޓްގައި ބޭނުންކުރާ ފެނުގެ ޚަރަދުކުޑަކުރުމަށް ގެންގުޅޭ އުޞޫލުތައް ހިމެނެއެވެ.

ދުނިޔޭގެ މަޝްހޫރު ހޮޓެލް ބްރޭންޑެއް ކަމަށްވާ ލަކްސް މޯލްޑިވްސްއިން، ދޭ ޓްރެވަލް ލައިފް ގޯލްޑް އެވޯޑް ސެޓްފިކެޓް އަރިއަތޮޅު ދެކުނު ބުރީގައި ހިންގާ ލަކްސް ސައުތު އަރިއެޓޯލް މޯލްޑިވްސް ރިސޯޓަށް ލިބުމުގެ އިތުރަށް، އެ ކުންފުނިން މޮރިޝަސްގައި ހިންގާ ތިން ރިސޯޓަށްވެސް ވަނީ އެ އެވޯޑް ލިބިފައެވެ.