އޭނާގެ ހުރިހާވެސް ވިސްނުމަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޕީއެސްޖީއަށް ހޯދައިދިނުން ކަމަށް ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ ބުނެފިއެވެ.
އޭނާ މިހެން ބުނީ މިރޭ ކުޅޭ މުބާރާތުގެ ފައިނަލްގައި އިޓަލީގެ އިންޓަރ މިލާނާ ދެކޮޅަށް ނުކުތުމުގެ ކުރިންނެވެ.
މި މެޗުން މޮޅުވެ، ޕީއެސްޖީ އަށް ތަށި ލިބިއްޖެނަމަ މި ސީޒަނުގައި އެ ޓީމަށް ތިން ތަށި ހާސިލުކުރެވޭނެ އެވެ. އެއީ މިހާރު ވެސް ފްރެންޗް ކަޕާއި ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ ހޯދާފައިވާތީ އެވެ. އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެނަމަ މި ސީޒަނުގެ ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބަލޮންޑޯ އެވޯޑް ލިބުން އެންމެ ގާތް އެއް ކުޅުންތެރިއަކީވެސް ޑެމްބެލޭ އެވެ. ނަމަވެސް އޭނާ ބުނީ މިއީ އޭނާ ވިސްނާ ކަމެއް ނޫން ކަމަށާއި ހުރިހާ ވިސްނުމަކީ ތަށި ހޯދައިދިނުން ކަމަށެވެ.
"ޕީއެސްޖީގެ ކުޅުންތެރިއަކަށް ވުމުން އެންމެ މުހިންމު ކަމަކީ މި ތަނަށް ޗެމްޕިއަންސް ލީގުގައި ކުޅޭއިރު އެ ތަށި ގެނެސްދިނުން. އަހަރެންގެ ހުރިހާ ފޯކަސް އެއް ހުރީ އެކަމަށް. އިންޑިވިޖުއަލް އިނާމް ތަކަކީ އަހަރެންގެ ފުރަތަމަ ވިސްނުމެއް ނޫން. އެކަން އަންނަނީ ދެ ވަނަ ކަމަކަށް. އަހަރެންގެ ހުރިހާ ފޯކަސް އެއް ހުރީ މި ތަށި ހޯދަން،" ޑެމްބެލޭ ބުންޏެވެ.
ޕީއެސްޖީ އަށް ބަދަލުވުމުގެ ކުރިން ސްޕޭނުގެ ބާސެލޯނާއަށް ކުޅުނު ފޯވަޑް ބުނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށުން މުޅި ޓީމުގެ ވިސްނުން ބަދަލު ވެއްޖެ ކަމަށެވެ. އަދި މިހާރު ހުރިހާ ކުޅުންތެރިން ވެސް ތިބީ ކާމިޔާބު ހޯދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމަކާއެކުގައި ކަމަށެވެ.
މި މެޗުގައި އިދިކޮޅަށް ނުކުންނަށް އިންޓަރ މިލާނަކީ މޮޅު ޓީމެއްކަން ފާހަގަ ކުރަމުން ޑެމްބެލޭ ބުނީ އިންޓަގެ ފަރާތުން ތިން ކަމެއް ފާހަގަ ކުރެވޭ ކަމަށެވެ.
"އެއީ ވަރަށް ފިޒިކަލް ޓީމެއް. އެ މީހުން ދަނޭ ޑިފެންސް ކުރަން. އަދި ކުރި ވެސް ވަރުގަދަ މޮޅު ޓީމެއް އެއީ. އެ މީހުންނަކީ ފައިނަލް ކުޅެން ހައްގު ޓީމެއް. އެކަމަކު އަހަރުމެންނަށް ކުޅެން މި ޖެހެނީ ވަރަށް ވަރުގަދަ ޓީމަކާ،" ޑެމްބެލޭ ބުންޏެވެ.
އެނާ ބުނީ ފައިނަލަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މިއީ ކުޑައިރުއްސުރެ އުއްމީދު ކުރި މުބާރާތެއްގެ ފައިނަލެއް ކަމަށާއި މޮޅަށް ކުޅެ މި ތަށި ނުހޯދެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
މިރޭގެ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.