ތަރައްްޤީ

އަޟްހާ ޢީދަށް ނިލަންދޫ މިސްކިތް ނިންމާލަނީ


ގއ. ނިލަންދޫގައި ސަރުކާރުން ޢިމާރާތް ކުރައްވަމުންދާ މިސްކިތުގެ މަސައްކަތް ނިންމަވައި، އަޟްހާ ޢީދަށް އެ މިސްކިތުގައި ނަމާދުކުރަން ފެށޭނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ނިލަންދޫގައި މިހާރު ބޭނުންކުރަމުން އަންނަނީ 20 މީހުންގެ ޖާގައިގެ ކުޑަ މިސްކިތަކާއި 100 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެކެވެ. ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ގއ. ނިލަންދޫގައި ސަރުކާރުން މިހާރު ޢިމާރާތް ކުރައްވަމުންދަނީ 500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެކެވެ. ޒަމާނީ ފެންވަރަށް ނިލަންދޫގައި އިމާރާތްކުރައްވަމުންދާ މި މިސްކިތުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް ނިލަންދޫ ކައުންސިލްގެ ރައީސް ނާޞިހް އިބްރާހިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ރަށުގެ ރައްޔިތުންނަށް މިސްކިތެއްގެ ބޭނުން މިހާރުވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި މިހާރު ބޭނުންކުރަމުންދާ ކުޑަ މިސްކިތާއި ވަގުތީ މިސްކިތް ނަމާދު ވަގުތުގައި ފުރި މިސްކިތުން ބޭރުގައި މީހުންނަށް ނަމާދު ކުރަންޖެހެއެވެ. މިހާރު ބަނދަރުމަތީގައި ޢިމާރާތް ކުރައްވަމުންދާ މިސްކިތުގެ މަސައްކަތް ނިމުމުން، މިކަމަށް ޙައްލެއް ލިބި، މިކަމުގެ ލުއި ފަސޭހަކަން އެ ރަށަށް އަންނަ ދަތުރުވެރިންނަށްވެސް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ނިލަންދޫގައި ކުރިން ރަސްމީކޮށް ދެ މިސްކިތެއް ބޭނުންކުރަމުން ދިޔަނަމަވެސް، އެ ރަށު ބޮޑު މިސްކިތުގެ ގޯތިތެރެއިން ޤަބުރު ފެނުމާ ގުޅިގެން އެތަން ވަނީ ބަންދުކޮށްފައެވެ. މިހާރު ޢިމާރާތްކުރައްވަމުންދާ މިސްކިތުގެ މަސައްކަތް ނިމުމުން މިހާރު ނިލަންދޫއަށް ދިމާވެފައިވާ މިސްކިތުގެ ޖާގައިގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.