ރައްޔިތުންގެ ދުޅަހެޔޮކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ މަސައްކަތްޕުޅު ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވުމަކީ ދިވެހީން ބޭނުންވާ އަސާސްތައް ހާސިލް ކޮށްދެއްވުމަށް ރައީސް ކުރައްވާ އިޙްލާސްތެރި މަސައްކަތްޕުޅުގެ ހެއްކެއްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބުނެފިއެވެ.
އެޕާޓީން މިހެން ބުނީ ދުންފަތާ ދެކޮޅަށް ރައީސް އަޅުއްވާފައިވާ ފިޔަވަޅުތައް ފާހަގަކޮށް، ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން އެމަނިކުފާނަށް އަރުއްވާފައިވާ ހާއްސަ އެވޯޑާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ޕީއެންސީން ނެރުނު ބަޔާނުގައި ވަނީ ދުންފަތާ ދެކޮޅަށް އެޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ މަސައްކަތްޕުޅު ފާހަގަކުރައްވައި ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ހާއްސަ އެވޯޑެއް އަރުއްވާފައިވާތީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. އަދި އެމަނިކުފާނު ކުރައްވަމުން އަންނަ މަސައްކަތްޕުޅުތައް ދުނިޔޭގެ ފެންވަރުގައި ފާހަގަވެގެންދިއުމަކީ އެ ޕާޓީ ފަޚުރުވެރިވާ ކަމެއް ކަމަށްވެސް ބުންޏެވެ.
ޕީއެންސީން ބުނީ މިހާތަނަށް ރައްޔިތުން ދުންފަތާ ދުރުހެލި ކުރުވުމަށް ދިވެހި ތާރީޚުގައިވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގައި ކުރައްވާފައިވާ މިންވަރަށް މަސައްކަތް ކުރެވިފައި ނުވާކަމަށެވެ. އެގޮތުން، ދިވެހި ޒުވާން ޖީލެއް އެކީއެކަށް ހަލާކުވަމުން ދިއުމުގެ އެއް އަޞްލު އަދި ސިއްޙީގޮތުން ކުރިމަތިވާ ނުރައްކާތަކުގެ އިތުރުން މުޖުތަމަޢުގައި ކުޑަކުދިންވެސް ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ތެރެއަށް އަލަށް ވަނުމަށް މަގުފަހި ކުރުވަމުންދިޔަ ވަޞީލަތެއް ކަމަށްވާ "ވޭޕް" ދިވެހިރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާ ކުރެއްވުމާއި ރާއްޖޭގެ މުސްތަގުބަލު ކަމަށްވާ ޒުވާނުން ދުންފަތާ ދުރުހެލި ކުރެއްވުމުގެ ގޮތުން އެޅުއްވި ފިޔަވަޅުތަކަކީ އެމަނިކުފާނު ދުންފަތުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް އިޙްލާސްތެރި މަސައްކަތްޕުޅުތަކެއް ކުރައްވާކަން ހާމަވާ ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.
ރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް އިންސާނީ ތަރައްގީއާއި ރައްޔިތުންގެ ދުޅަހެޔޮކަމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި އެކަން ފާހަގަކުރެވެމުންދާކަން ފާހަގަކޮށް ޕީއެންސީން ބުނީ އެއީ އެ ޕާޓީގެ ވެރިކަމަކުން ދިވެހީން ހާސިލް ކުރަން ބޭނުންވި އަސާސްތައް ހާސިލްކޮށްދެއްވުމުގައި އެމަނިކުފާނު ކުރައްވާ މިންނެތް
މަސައްކަތްޕުޅުގެ އިހްލާސްތެރިކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ.
ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުތަކާއި އެކި މަންސަތަކުގައި ތަކުރާރު ކުރައްވާ ވާހަކަފުޅުތަކުން އެމަނިކުފާނުގެ ތަސައްވުރަކީ ބަވަނަވެފައިވާ ދުނިޔޭގައި ދިވެހި ރައްޔިތުންނަކީވެސް ތަހުޒީބާއި ތަމައްދުނުގެ އެންމެ އުހުގައި ފައިހަމަ ކުރެވޭ ބައެއްގެ ގޮތުގައި ހެއްދެވުންކަން ފާހަގަ ކުރެވޭ ކަމަށް ޕީއެންސީން ބުންޏެވެ. އަދި އެ އަމާޒު ޙާޞިލް ކުރެވޭނީ މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަން ކަށަވަރު ކުރެވިގެން ކަމަށާއި ރެއާއި ދުވާލު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކުން އަވަސް ނަތީޖާތަކެއް ފެންނަމުންދާކަން އެ ޕާޓީން ފާހަގަކުރިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލިމީކަމުގައި ދިވެހީން އަބަދުވެސް އެދެމުން އަންނަފަދަ ފާގަތި މަންޒިލަކަށް ރާއްޖެ ގެންދިއުމުގައި އެމަނިކުފާނާއެކު ސާބިތުކަމާއެކު ތިބޭނެކަމަށްވެސް ޕީއެންސީން ނެރުނު ބަޔާނުގައި ބުންޏެވެ.