ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް ޑރ. މުޙައްމަދު މުޢިއްޒުއަށް ވޯލްޑް ސްކައުޓް ބެޖު އަރުވައިފިއެވެ.
އެމަނިކުފާނަށް މި ބެޖު އަރުވާފައިވަނީ ޤައުމީ ސްކައުޓް ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް ޑރ. މުހައްމަދު މުޢިއްޒުއަށް ވޯލްޑް ސްކައުޓް ބެޖު އެރުއްވީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ނަޘީފެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖީދިއްޔާ ސްކޫލުގައި އެމަނިކުފާނު ކިޔަވައިވިދާޅުވި ދުވަސްވަރު ފަސްޓް މާލެ ސްކައުޓް ގްރޫޕުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސަށް ވޯލްޑް ސްކައުޓް ބެޖު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްޙޫރިއްޔާ ވަނީ ސްކައުޓް ކައުންސިލްގެ މެންބަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާާތުގައި ރައީސުލްޖުމްހޫޜިއްޔާގެ ސްކައުޓް އެވޯޑް ހާސިލުކުރި ސްކައުންޓުންނަށް ވަނީ އެވޯޑު ހަވާލުކުރައްވާފައެވެ. މި އެވޯޑަކީ ދިވެހި ސްކައުޓް ހަރަކާތުގައި ދެވޭ އެންމެ މަތީ އެވޯޑެވެ. މި އެވޯޑް މިއަހަރު 7 ސްކައުޓަކަށް ވަނީ ލިބިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް ބެޖު ލިބެނީ އެކި ދާއިރާތަކުގެ ހުނަރު ލިބިދޭ ޕްރޮފެޝަނަލް ބެޖުތައް ހާސިލްކުރުމުންނެވެ. އަދި ޖަމައާތަށް ފައިދާހުރި މަސައްކަތްތައްވެސް ރައީސްގެ އެވޯޑް ލިބޭ ސްކައުޓުން ފުރިހަމަކުރަންޖެހެއެވެ.