ޚަބަރު

މިއީ ދިވެހި ތާރީޚުގައި ދިވެހި ޙާއްޖީންނަށް މިނާގައި އެންމެ ފެންވަރު ރަނގަޅު ޚިދުމަތްދޭނެ އަހަރު: ޝަކީލް


  • މިއަހަރު މިނާގައިދޭ ޚިދުމަތުގެ ފެންވަރު ވަނީ ބީ ކެޓަގަރީއަށް މަތިކޮށްފައި

  • ޙަޖީންނަށް ބޭނުންވާނެ ގިނަ ޚިދުމަތެއްތަކެއް މިނާގައި ދޭނެ

މިނާގައި ރޭކުރުމާ މިނާގައި އަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައި ތިބުމަކީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކޮންމެ އަހަރަކުވެސް އެތައް މިލިޔަން ބަޔަކު މިނާގައި ރޭކުރަން ޖަމާވެއެވެ. އެހެންކަމުން މިނާގައި ޙައްޖާޖީން ހޭދަކުރާ ދުވަސްތަކަކީ ތަކުލީފުތައް ގިނަ ދުވަސްތަކެކެވެ.

މީގެ ކުރިން ދިވެހިންނަށް މިނާގައި ލިބެނީ ސީ ގްރޭޑްގެ ޚިދުމަތްތަކެކެވެ. އެހެންކަމުން މިނާގެ ފޭލިގޭތަކުން ލިބެން ހުންނަ ޚިދުމަތްތަކަކީ އާދައިގެ ޚިދުމަތްތަކެކެވެ. ނަމަވެސް މިފަހަރު ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ދުރާލާ މަސައްކަތްކުރީ މިނާގައި ދިވެހި ޙައްޖާޖީން ތިބޭ ދުވަސްތަކުގައި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ހޯދައި ދިނުމެވެ.

ދިވެހިރާއްޖެއިން ޙައްޖާޖީން ގޮވައިގެން ސަޢުދީއަރަބިއްޔާއަށް ދަތުރުކުރި (ދެވަނަ) ފްލައިޓުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ސަޢުދީއަރަބިއްޔާއަށް ވަޑައިގެން މިނާގައި ދިވެހި ޙައްޖާޖީންނަށް ހަމަޖެހިފައިވާ އިންތިޒާމުތައް ބައްލަވާލެއްވުމަށް ފޭލިގެތަކަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. މިނާގެ ފޭލިގޭގައި ހުންނަވައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ، މިނާގައި ދިވެހި ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ފޭލިގެތައް މިހާރު ނިމުމަކާ ހިސާބަށް އައިސްފައިވާކަމަށެވެ.

"ކުދިކުދި ބަދަލުތައް ގެނައުމަށް އަޅުގަނޑު ވާނީ ލަފާދީފައި. މިކޮޅުން މުޠައްވިފު ވިދާޅުވަނީ އަޅުގަނޑުމެން ބޭނުންވާ މުއްދަތަށް، ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެކަމަށް." ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.

ދިވެހި ހައްޖުވެރިންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު މިފަހަރު މަތިކުރުމާއެކު މިނާ ފޭލިގޭގެ ފެންވަރާ، ފޭލިގޭގައި ހުންނަ ފަރުނީޗަރުގެ ފެންވަރުވެސް ވަނީ ރަނގަޅުކޮށްފައެވެ. އެގޮތުން ފަސޭހަކޮށް ނިދާލެވޭގޮތަށް ހުރިހާ ހާޖީންނަށް ސޯފާ ބެޑުވަނީ ބަހައްޓާފައެވެ.

ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން މިފަހަރު އެންމެ ބޮޑު އަނެއް ބަދަލަކީ ކެއުންބުއިމުގެ ޚިދުމަތެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޓީމުންވަނީ މިނާގެ ފޭލިގެތަކަށް ޒިޔާރަތްކޮށް އެތަނުން ދިނުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ ރަހަބަލައި، ލިބެން ހުންނަ ބާވަތްތައް ބަލާފައެވެ. އަދި މޭނޫއަށް އިތުރުކުރަންވީ ކަބޯތަކެތީގެ ބާވަތްތައްވެސް ވަނީ ފާހަގަކޮށްދީފައެވެ.

"އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު މިނާގައި ކެއުމުގެ ކަންތައްތައް މިއޮތީ ބުފޭ ގޮތަށް ހަމަޖެހިފައި. މިއީ އަޅުގަނޑުގެ މައުލޫމާތު ކުށްކަމުގައި ނުވާނަމަ ދިވެހިންގެ ޙައްޖުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ކެޓަގަރީ ސީގެ ބަދަލުގައި ކެޓަގަރީ ބީގައި ހައްޖުވެރިންނަށް ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ފަހަރު. މިފަހަރު އަޅުގަނޑުމެން މި ފޯރުކޮށްދޭ ޚިދުމަތް ޙައްޖުވެރިން ސީދާ އެތަކެތި ފަރިއްކުޅުއްވުމުގެ ކުރިން ޚިދުމަތް ފޯރުކޮށްދޭ ފަރާތުން އަޅުގަނޑުމެން ގެނެސް އެބޭފުޅުންވަނީ އެބޭފުޅުން ފޯރުކޮށްދޭ ކާބޯތަކެތި ދައްކާ އެތަކެތި ޓެސްޓުކުރުމުގެ ފުރުސަތުވެސް ދީފައި" ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.

މިނާގައި ދެވޭ ކެއުމުގެ ޚިދުމަތާ ގުޅޭގޮތުން ރަވާފް މިނާގެ ލޮޖިސްޓްގެ ވެރިޔާ ޒަކީ ސަދާއިލް ވިދާޅުވީ މިއަހަރު ހުރިހާ ޚިދުމަތެއްވެސް ފެންވަރު ރަނގަޅުވާނެކަމަށެވެ.

ހާޖީން މިނާގައި ތިބޭ ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެކެވެ. އެހެންކަމުން މިފަހަރު ދިވެހި ޙައްޖުވެރިންނަށް މިނާ ފޭލިގެ ސަރަހައްދުން ހުރިހާ ވަގުތެއްގައިވެސް ފިނި ބުއިންތައް ހިލޭ ލިބޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

މިއަހަރު މިނާ ޓެންޓުގައި ވަނީ ބަލި މީހުންނަށް ފަރުވާދިނުމަށް ކްލިނިކެއްވެސް ޤާއިމްކޮށްފައެވެ.

ކޮންމެއަކަސް 1446ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރެއިން ދިވެހި ޙައްޖާޖީންނަށް މިނާގައި ލިބޭނީ ފެންވަރު ރަނގަޅު ޚިދުމަތްތަކެކެވެ. މިއީ ދިވެހި ތާރީޚުގައި ދިވެހި ޙައްޖުވެރިންނަށް މިނާގައި މިފެންވަރު ޚިދުމަތްތައް ލިބޭ ފުރަތަމަ ފަހަރެވެ.