ޚަބަރު

އޭސީ މިލާނުގެ ކޯޗު ކމުން ކޮންސެސާއޯ ވަކިކޮށްފި


އިޓަލީގެ އޭސީ މިލާނުގެ ކޯޗުކަމުން ސާޖިއޯ ކޮންސެސާއޯ ވަކިކޮށްފިއެވެ.

އުމުރުން 50 އަހަރުގެ ކޮންސެސާއޯ އޭސީ މިލާނުގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭރު ކޯޗެއްގެ ގޮތުގައި ހުރި ޕައުލޯ ފޮންސޭކާ މަގާމުން ދުރު ކުރުމަށްފަހުގަ އެވެ. އަދި ހަ މަސް ދުވަހަށްފަހު އޭނާ މަގާމުން ދުރުކޮށްފައިވަނީ މި ސީޒަނިގައި ލީގުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ އެވެ.

ނަމަވެސް ކޮންސެސާއޯ ވަނީ އޭސީ މިލާނުގެ ކޯޗު ކަމާއި ހަވާލުވިތާ ހަފްތާއެއް ފަހުން އިޓާލިއަން ސުޕަރ ކަޕްގެ ޗެމްޕިއަންކަން އެ ޓީމަށް ހޯދަދީފަ އެވެ. އެކަމަކު ކޯޕާ އިޓާލިއާގެ ފައިނަލުގައި ބޮލޯނާ އަތުން ވަނީ ބަލިވެފަ އެވެ.

ޕޯޗުގަލްގެ ޕޯޓޯއަށް ކުރިން ކޯޗު ކޮށްދިން ކޮންސެސާއޯ ވަނީ އެ ކްލަބަށް ކޯޗު ކޮށްދިން މުއްދަތުގެ ތެރޭގައި 11 ތަށި އެ ޓީމަށް ކާމިޔާބުކޮށްދީފަ އެވެ.

ކޮންސެސާއޯގެ އިރުޝާދުގެ ދަށުން ލީގުގެ ފަހުބައި ކުޅުނު އޭސީ މިލާން ލީގު ނިންމާލާފައިވަނީ ތާވަލުގެ އަށްވަނަ މަގާމުގައި އޮވެއެވެ. އެހެންކަމުން އެ ޓީމަށް ކުރިއަށް އޮތް ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅައިގެ ފުރުސަތެއް ނުލިބޭނެ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އޭސީ މިލާނުން މަސައްކަތް ކުރަމުންދަނީ އެ ޓީމުގެ ކޯޗުގެ މަގާމަށް ކުރިންވެސް އެ ޓީމަށް އިރުޝާދުދިން މަސިމިލިއާނޯ އަލެގްރީ ގެނައުމަށެވެ. އޭނާ ވަނީ މީގެ ކުރިން 2010 އިން 2014 އަށް އޭސީ މިލާނަށް ކޯޗުކޮށްދީފަ އެވެ.