ކުޅިވަރު

ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މެޓްރިކްސްއަށް


22 ވަނަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުލަބު މެޓްރިކްސްއިން ހޯދައިފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި މެޓްރިކްސްއާ ވާދަކޮށްފައިވަނީ ކުލަބު ގްރީން ސްޓްރީޓްސްއާއެވެ.

މިމެޗުގެ ހަތަރު ކުއާޓަރުގައިވެސް ކުލަބު މެޓްރިކްސް ފެނިގެންދިޔައީ ވަރުގަދަކޮށެވެ. މުޅި މެޗު ލީޑުގައި އޮވެ ކުޅެމުންދިޔަ މެޓްރިކްސްއިން މެޗު ކާމިޔާބުކޮށްފަވަނީ 53-26 ޕޮއިންޓުގެ ބޮޑު ތަފާތަކުންނެވެ.

ފައިނަލު މެޗަށްފަހު ވަނަވަނައަށް ދިޔަ ފަރާތްތަކަށްވަނީ ޓްރޮފީ، މެޑަލް އަދި ހަނދާނީލިއުން ހަވާލުކޮށްފައެވެ. މިގޮތުން މުބާރާތުގެ ފުރަތަމަ ޑިވިޝަނުން އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ކުލަބު މެޓްރިކްސްގެ ނީޝާ ހަލީމެވެ. އަދި ދެވަނަ ޑިވިޝަނުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ އެން ސްޕޯޓްސް އެކެޑެމީގެ އާއިޝަތު ޝިފާއުއެވެ.

މިމުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ކުޅުންތެރިންގެ ތެރެއިން 21 އަހަރުންދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ ކޭވައިއާރުސީގެ އާމިނަތު ޒީނާއެވެ. އަދި ދެވަނަ ޑިވިޝަނުގައި ވާދަކުރި ކުޅުންތެރިންގެ ތެރެއިން 21 އަހަރުންދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެން ސްޕޯޓްސް އެކެޑެމީގެ ޒުބީ އަހުމަދު ސައުދެވެ.

ގައުމީ ނެޓްބޯޅަ މުބާރާތުގެ ދެ ޑިވިޝަނުން އެންމެ މޮޅު ހަތްކުޅުންތެރިން ހޮވާ އެކުޅުންތެރިންނަށްވެސް ޓްރޮފީއާ ހަނދާނީ ލިއުންވަނީ ހަވާލުކޮށްފައެވެ.

ގައުމީ ނެޓްބޯޅަ މުބާރާތް ކުރިއަށްދިޔައީ މިމަހުގެ 17 އިން 29 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. މި މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ފައިނަލު މެޗު ކުޅެފައިވަނީ އަންގާރަދުވަހުގެ ރެއެވެ. ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ވާދަކޮށްފަވަނީ އެން ސްޕޯޓްސް އެކެޑެމީއާ އެމްވީ ނެޓާރސްއެވެ. އެމެޗު 34-31 ގެ ވާދަވެރި ނަތީޖާއަކުން ކާމިޔާބުކޮށް އެން ސްޕޯޓްސް އެކެޑަމީ ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައެވެ.