ޚަބަރު

ޖޫން 1 އިން ފެށިގެން އައިނު ހެއްދުމަށް 2000ރ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި


  • ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރައްވަމުން އަންނަކަންކަން ޙިއްސާކުރެއްވި

  • ރާއްޖޭގެ އެކިކަންކޮޅުތަކުގައްޔާއި މާލޭގައި 60 އަށްވުރެ ގިނަ މަޝްރޫޢު ފެށިފައިވާކަމަށް ވިދާޅުވި

ޖޫން 1 އިން ފެށިގެން އައިނު ހެއްދުމަށް 2000ރ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިސަރުކާރުގެ ޞިއްޙީ ދާއިރާގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ތަފާތުކުރުމެއްނެތި ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި ރައްޔިތަކަށް ހެދުމެވެ. މިސިޔާސަތުގެ ދަށުން ގިނަކަންތައްތަކެއް ސަރުކާރުން ގެންދަނީ ކުރައްވަމުންނެވެ.

ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ އަޒުމަކަށްވީ ބާރު ސްޕީޑުގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކޮންމެ ރައްޔިތެއްގެވެސް ދުޅަހެޔޮކަން މަތިކުރެވޭނެ ގޮތްތަކެއް ހޯދުންކަމަށެވެ. އެގޮތުގެ މަތިން މިދިޔަ ދުވަސްތަކުގައި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރެވި އަދި ކުރައްވަމުން އަންނަކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ވަށާޖެހޭ ޞިއްޙީ ސިޔާސަތެއް ތަންފީޒުކުރަމުން އަންނައިރު ބަލިވުމުގެ ކުރިން ބަލިތަކުން ދުރުވުމަށް ފިޔަވަޅު އެޅުމަކީ އެންމެ އިސްކަމެއް ދޭ އެއް ކަންތައްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕްރިވެންޓިވް ހެލްތު ކެއަރއަށް ރާއްޖޭގެ ސަރުކާރުތަކުން އެހާބޮޑަށް ސަމާލުކަން ނުދިނުމުގެ ނަތީޖާއަކަށްވީ އަޅުގަނޑުމެންގެ ތެރޭގައި ލައިފް ސްޓައިލް އެތައް ބައްޔެއް ފެތުރުންކަމަށެވެ. އެހެންކަމުން މިސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު އެއްކަމަކަށް ކަނޑައެޅީ ބަލިިތައް ޖެހުމުގެ ކުރިން އެބަލިތަކުން މީހުން ދުރުކުރުމަށްޓަކައި ފިޔަވަޅުތައް އެޅުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ކޮންމެ ރަށެއްގައި ހުންނަ ރައްޔިތަކަށްވެސް އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދޭން ޖެހޭކަމަށެވެ. އެހެންކަމުން ވީރާނާވެފައިވާ ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ކުދިކުދި އާބާދީތަކުގައި ހުންނަ ލެބޯޓްރީ ނިޒާމްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި ސަރައްހައްދީ ގޮތެއްގައި ރީޖަނަލް ހޮސްޕިޓަލްތަކާއި، އަރބަން ސެންޓަރުގެ ގޮތުގައި ކަނޑައެޅިފައިވާ ރަށްރަށާއި ސިޓީތަކާއި، މިފަދަ ތަންތަނުގައި މަތީފެންވަރުގެ ޓަރޝަރީ ފެންވަރަށް ފަރުވާދިނުން މަތިކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން 17 ނޮވެންބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައްޔާއި މާލޭގައި 60 އަށްވުރެ ގިނަ މަޝްރޫޢު ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްގައި އެކަނި 18މަޝްރޫޢެއްގައި ސޮއިކުރެވި ކުރިއަށް ގެންދޭ. ގާތްގަޑަކަށް ހަތަރުހާސް ތިންސަތޭކަ މިލިއަން ނުވަތަ 4.3 ބިލިޔަން ރުފިޔާގެ މަޝްރޫޢުތައް ޞިއްޙީ ދާއިރާގެ އެކަނި ދޮޅު އަހަރެއްހާދުވަހު އެބަކުރިއަށްދޭ. މީގެތެރެއިން އެތައް މަޝްރޫޢެއް ނިމި އައު މަޝްރޫޢުތައް ފެށުމަށްޓަކައިވަނީ ސޮއިކުރެވިފައި. މިމަސައްކަތްކުރަނީ ޑޮކްޓަރުންނާއި ޞިއްހީ ދާއިރާގެ ފަރާތްތަކުގެ ލަފައާއެއްގޮތަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޞިއްޙީ ޚިދުމަތް ހޯދުމަށް ބުރަ އުފުލާފައި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނެސް ޤައުމުގައި ތިބެގެން އެންމެމަތީ ފެންވަރުގެ ޞިއްޙީ ފަރުވާ ލިބޭނެގޮތް ހެދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި ޞިއްޙީ ދާއިރާގެ ވަޒީފާ އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

" 18 ވަރަކަށް މަސްތެރޭގައި 1200އަށްވުރެ ގިނަ ވަޒީފާ މިދާއިރާއިންވަނީ އުފައްދާފައި. މާލެ ސިޓީގައި އެކަނި 740 ވަޒީފާއަށް ހުއްދަދީ 646 މުވައްޒަފުންވަނީ ނަގާފައި. އެހެން ސަރަހައްދުތަކުގައި 460 ވަރަކަށް ވަޒީފާއަށް ހުޅުވާލެވި މުވައްޒަފުން ނަަގަމުންދަނީ. ނަރުހުން ހޯދުމުގެ ދަތިކަން ހައްލުކުރުމަށް 218 ވަޒީފާއަށް މުވައްޒަފުންނަގަން ހުއްދަދިނިން. 70 ވަރަކަށް ނަރުހުން ނުލިބިގެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ތަމްރީން ލިބިފައިތިބި ދިވެހި ނަރުހުން މިދާއިރާއަށް ނިކުތުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ދިވެހިންގެ އަމިއްލަ ދާއިރާއަކަށް މިދާއިރާ ހެއްދެވުމަށާއި މިދާއިރާއިން ދިވެހިންނަށް ދޭ އިސްކަން ބަލައިގަތުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ ޞިއްޙީ ދާއިރާގެ އެކިކަންކަމުން ސަލާމަތް ކުރެވޭ އާމްދަނީން ރައްޔިތުންނަށް ބޭނުންވާ އެކިކަންކަމަށް ހޭދަކުރައްވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެގޮތުން މީގެތެރެއިން އަންނަ ޖޫން މަހުގެ 1 އިން ފެށިގެން އައިނު ހެއްދުމަށް 2000ރ ދެއްވުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބުގައި ވީވަޢުދެއް ދެއަހަރުން އެއްއަަހަރު މިދެނީ އައިނު ހެދުމަށްޓަކައި 1000 ރ ޑަބަލްކޮށްދޭނަމޭ. އެކަމަށްޓަކައި ހަދަން ޖެހޭ ހުރިހާ ހިސާބެއް ހަދައި ނިންމައި ކަމާބެހޭ ފަރާތްތަކަށް މިއަދުވަނީ ސިޓީ ފޮނުވާފައި. ޖޫން 1 އިން ފެށިގެން އައިނު ހެއްދުމަށްޓަކައި ދޭ 1000ރ 2000ރ ބޮޑުކުރެވިގެންދާނެ. އެއީ މިގޮތަށް ސޭވްކުރާ ސޭވްކުރުމުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ކޮށްދޭކަމެއް. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙި ދާއިރާގައި ޚާއްސަ ދާއިރާތަކުން މީހުން ލިބުމުގައި ދަތިކަން ހުރިކަން ފާހަގަކުރައްވާފައެވެ. އަދި މިކަން ހައްލުކުރުމަށްޓަކައި ޕޭގްރޭޑަށް ގެންނަން ޖެހޭ ބަދަލުތައް ވަގުތީގޮތުން މަތިކޮށްގެންވިޔަސް ރާއްޖެއަށް ބޭނުންވާ އެކިދާއިރާތަކުގެ ޚާއްސަ ޑޮކްޓަރުން ގެންނާނެކަމަށް ވިދާޅުވިއެެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިމަތިވާ ގޮންޖެހުމަކަށް ފަހަތަށް ނުޖެހި މިމުހިންމު ދާއިރާ ތަރައްޤީކުރުމަށް ކުރަންޖެހުނު ކޮންމެކަމެއް ކުރުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށެވެ.